ސެޕްޓެމްބަރ 25 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ވޯޓާސް ލިސްޓުގައި ޕީޕީއެމްގެ ކައުންސިލަރެއްގެ ނަން ހިމެނުމަކީ ބޮޑު ޖޯކެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
އެމްޑީޕީ އެތެރޭގެ ވޯޓާސް ލިސްޓުގައި އިދިކޮޅު ޕީޕީއެމްއަށް ނިސްބަތްވާ އައްޑޫ މީދޫ ދާއިރާގެ ކައުންސިލަރު އައިމިނަތު ސޯލިހާގެ ނަން އޮތުމުން ރޮޒައިނާ ވަނީ އެމްޑީޕީގެ ޗެއާޕާސަން އަދި ހުޅު ހެންވޭރު ދާއިރާގެ މެމްބަރު ހަސަން ލަތީފް ޓެގްކުރުމަށްފަހު ޓްވީޓެއްކޮށްފައެވެ.
ރޮޒައިނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެމްޑީޕީގެ ޕާޓީ ވޯޓާސް ލިސްޓުގައި އެހެން ޕާޓީތަކަށް ނިސްބަތްވާ މީހުންގެ ނަން އޮތުމުން އެކަން ބޮޑު ޖޯކެއްގެ ގޮތުގައި ދެކޭ ކަމަށާއި މިފަދަ ކަންތައްތަކަކީ ބަލައިގަނެވޭނެ ކަންތަކެއް ނޫން ކަމަށް ބުނެ ރޮޒައިނާ ވަނީ ނުރުހުން ފާޅުކޮށްފައެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ފަރާތުން ވާދަކުރައްވާނީ ރޮޒައިނާއެވެ. އަދި ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތުން ވާދަކުރައްވާނީ ހަސަން ލަތީފުއެވެ. ގައުމީ މަޖިލީހުގެ އިންތިޚާބަށް ދެ ފަރާތުން ވެސް ނުފޫޒުތަކެއް ފޯރުވާ ކަމުގެ ތުހުމަތުތައް އެކަކު އަނެކަކަށް ދަނީ ކުރެވެމުންނެވެ.
ރާއްޖޭގެ ވެރިކަންކުރާ ޕާޓީ އެމްޑީޕީގެ ދަފްތަރުގައި 93 ހާސް މީހުން ތިބެއެވެ. އެހެންނަމަވެސް އިނގިލީގެ ނިޝާން ނުހިމެނޭތީ ބައެއް ފޯމްތައް އިލެކްޝަން ކޮމިޝަން (އީސީ)ގައި ރަޖިސްޓްރީ ނުކުރެވުމުގެ ސަބަބުން އީސީގެ ދަފްތަރުގައި އެމްޑީޕީގެ ރަޖިސްޓްރޭޝަންގައި ތިބީ 50 ހާސް މީހުންނެވެ.
އެހެންނަމަވެސް މިމަހު 25 ވަނަ ދުވަހު އޮންނަ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ޕާޓީ ރަޖިސްޓްރޭޝަންގައި ހިމެނޭ ކޮންމެ މީހަކަށް ވޯޓު ލެވޭނެއެވެ.

