ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަދި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާމަނިކުގެ ހެވީލޯޑް ކުންފުނީގެ 3 ރަށެއް ވިއްކާލަން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނީލަމަށް ލައިފިއެވެ.
މި ރިސޯޓުތައް ވިއްކާލަން ނިންމާފައިވަނީ ރީކޯ މޫސަގެ ކުންފުނިން ނަގާފައި އޮތް ލޯނުތަކެއް ނުދައްކައިގެންނެވެ.
ބީއެމްއެލްއިން ކުރި އިއުލާނުގައި ބުނެފައިވާ ގޮތުން ވިއްކާލަން ހަމަޖެހިފައިވަނީ ފަރެސް އައިލެންޑް، ކުޑަ ފަރެސް އައިލެންޑް އަދި ބޮޑު ހުރާ އައިލެންޑެވެ.
މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 28 ގެ ކުރިން ބިޑް ހުށަހެޅުމަށް ބީއެމްއެލްއިން ވަނީ ފުރުސަތު ހުޅުވާލައިފައެވެ.
ފަރެސްއާއި ކުޑަފަރެސް ހިންގަނީ ދެ ރަށް ގުޅުވާލައިގެން ރަހާ ރިސޯޓު ނަމުގައެވެ. މި ރިސޯޓު ހިންގަނީ ލ.އަތޮޅުގައެވެ.
ށ.ބޮޑުހުރާގެ މަސައްކަތް އަދި އެއްކޮށް ނުނިމެއެވެ. އެ ރަށަކީ ދަނޑުވެރިކަމަށް ދޫކޮށްފައި އޮތް ރަށެކެވެ.
މޫސަގެ އީސްޓް މޯލްޑިވްސް ކުންފުނީގެ ނަމުގައި އޮތް ލޯނެއް ނުދެއްކުމުން ބީއެމްއެލްއިން މި ފަހުން މޫސަގެ ކޮޅުވެއްޓިއެއް ވިއްކާލަން ވެސް އިއުލާނުކުރިއެވެ.

