އިންޑިއާގައި އުފައްދާފައިވާ އިމިއުނޯގްލޮބިއުލިން އައިވީ ބެޗެއްގައި ކޮލިޓީގެ މައްސަލަތަކެއް ހުރުމުން، އެކަމަށް ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އެދިއްޖެއެވެ.
އެމްއެފްޑީއޭއިން ނެރުނު އެލަރޓެއްގައި ބުނީ މައްސަލަ ފާހަގަވެފައިވަނީ އިންޑިއާގެ އައިކޯ ބަޔޮލޮޖިކަލްސް ލިމިޓެޑުން އުފައްދާފައިވާ ނޯމަލް އިމިއުނޯގްލޮބިއުލިން ފޯ އިންޓްރަވީނަސް ޔޫސް ބީޕީ %5 ގައި ކަމަށެވެ. އެއީ އެ ބޭހުގެ ބެޗު ނަންބަރު IG24002AD އާއި، IG24001AD އާއި، IG24004AD އާއި، IG24003 ގައެވެ.
އެމްއެފްޑީއޭއިން ބުނީ މިކަން ލަންކާގެ ބޭސް ރެގިއުލޭޓްކުރާ އިދާރާއާއި ނެޝަނަލް މެޑިސިންގ ރެގިއުލޭޓަރީ އޮތޯރިޓީންނާއި ޑަބްލިޔުއެޗްއޯއިން ވެސް އެލާޓްކޮށްފައިވާ ކަމަށެވެ.
އެމްއެފްޑީއޭއިން ބުނީ ރާއްޖެއަށް އިމްޕޯޓްކުރުމާއި ވިއްކުމަށް ހުއްދަކޮށްފައިވާ ބޭހުގެ ލިސްޓުގައި އެ ކުންފުނީގެ އެއްވެސް ބޭހެއް ނުހިމެނޭ ކަމަށެވެ. އަދި މި ބޭހުގެ އެއްވެސް ބެޗެއް، ބޭސް އިމްޕޯޓްކުރުމަށް ކަނޑައަޅާފައިވާ އެއްވެސް އުސޫލެއްގެ ދަށުން، ރާއްޖެ އިމްޕޯޓްކޮށްފައި ނުވާކަން ޔަގީންކުރެވިފައިވާ ކަމަށެވެ.
ނަމަވެސް، އިންޑިއާއާއި ލަންކާއަކީ ގިނަ އަދަދެއްގެ ދިވެހީން ބޭސް ފަރުވާއަށް ގޮސް އުޅޭ ދެ ގައުމުކަމަށްވެފައި، ބައެއް ހާލަތްތަކުގައި އަމިއްލަ ބޭނުމަށް އެ ގައުމުގަކުން ބޭސް އެތެރެކުރާތީ، މިކަމަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

