ރައްޔިތުންގެ މަޖިލިހުގެ އިދާރާއިން މީޑިއާ ޑިރެކްޓަރުގެ މަގާމަށް މީހަކު ހޯދުމަށް އިއުލާނުކޮށްފިއެވެ.
މި އިއުލާނު ކުރީ މިދިޔަ ހަފުތާގެ ހޯމަ ދުވަހު މީޑިއާ އެންޑް ކޮމިއުނިކޭޝަންސް ޑައިރެކްޓަރުގެ މަގާމުގައި ހުންނެވި ހަސަން ޒިޔާއު އެ މަގާމުން ވަކިކުރުމާ ގުޅިގެންނެވެ.
މަޖިލިހުގެ އިދާރާއިން މިއަދު ކުރި އިއުލާނުގައި ބުނެފައިވާ ގޮތުގައި، މި މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތަކީ މަޖިލިހާއި މަޖިލިހުގެ އިދާރާގެ ޕަބްލިކް ރިލޭޝަންސް އަދި މީޑިއާއާ ގުޅޭ އެންމެހާ މަސައްކަތްތައް ބެލެހެއްޓުމެވެ. މީގެ އިތުރުން، މަޖިލިހުގެ ޖަލްސާތަކާއި ކޮމިޓީތަކުގެ ބްރޯޑްކާސްޓިންގ، ހަބަރު ތައްޔާރު ކުރުން، އަދި ސޯޝަލް މީޑިއާގެ އެކި މަަންސަތަކުގެ އަދާހަމަ ކުރުން ފަދަ ކަންކަން ވެސް ބަލަހައްޓަން ޖެހެއެވެ.
މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި ނޫސްވެރިކަމުގެ ދާއިރާއިން މާސްޓަރސް ޑިގްރީ ނުވަތަ ޕޯސްޓް ގްރެޖުއޭޓް ސެޓްފިކެޓް/ޑިޕްލޮމާ ހާސިލު ކޮށްފައި ވުމާއެކު، ތިން އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ހިމެނެއެވެ. ނުވަތަ ބެޗްލަރސް ޑިގްރީއާ އެކު ހަ އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން ޝަރުތު ކޮށްފައި ވެއެވެ.
މީޑިއާ ޑިރެކްޓަރުގެ މަގާމުގެ މުސާރައަކީ މަހަކު 15,950 ރުފިޔާއެވެ. މި މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އަންނަ މަހުގެ ހަތްވަނަ ދުވަހުގެ މެންދުރުފަހު 2:00 އާ ހަމައަށެވެ. ޝައުގުވެރިވާ ފަރާތްތަކުން މަޖިލިހުގެ ވެބްސައިޓް މެދުވެރިކޮށް އެޕްލިކޭޝަން ފޯމާއި އެހެނިހެން ލިޔެކިޔުންތައް ހުށަހެޅުމަށް އެދިފައިވެއެވެ.

