ޝައިތާނާއަކީ އިންސާނުންގެ އަބަދީ ދުޝްމިނެއްކަން ޤުރުއާނާއި ސުންނަތުން ސާބިތުވެގެންވެއެވެ. އޭނާގެ މަކަރުވެރިކަމާއި ނުބައި ރޭވުންތަކުން ސަލާމަތްވުމަށް މުސްލިމުން އަބަދުވެސް ވިސްނަންޖެހެއެވެ.
ފަތިސް ނަމާދުގެ ވަގުތު ޖެހުމުގެ ކުރިން، ވަރަށް ފަތިހާ ހޭލައިގެން ނަމާދަށް ދިޔުމަށް ތައްޔާރުވަމުންދިޔަ މުސްކުޅި ބޭބެއެކެވެ. އޭނާ ހެދުން ލައި، ވުޟޫކޮށް، މިސްކިތާ ދިމާއަށް ހިނގައިގަތެވެ. މަޑުމަޑުން ހިނގަމުން ދަނިކޮށް، މަގުގެ މެދެއްހާ ހިސާބުން އެއްޗެއްގައި އަޅައިގެން ވެއްޓުނެވެ. ތެދުވެ، ގައިން ވެލި ފޮޅާލުމަށްފަހު، ގެއަށް ގޮސް ހަޑިވެފައިވާ ހެދުން ބަދަލު ކޮށްގެން އަލުން މިސްކިތަށް ދިޔުމަށް ނުކުތެވެ.
އަނެއްކާވެސް މަގުގެ މެދެއްހާ ހިސާބުން، ހަމަ ކުރިން ވެއްޓުނު ތަނުން، މި މުސްކުޅި ބޭބެ ވެއްޓުނެވެ. މިފަހަރުވެސް ހެދުން ވަރަށް ބޮޑަށް ހަޑިވެއްޖެއެވެ. އަނެއްކާވެސް ގެއަށް ގޮސް ހެދުން ބަދަލުކޮށްގެން ގެއިން ނުކުމެ މިސްކިތާ ދިމާއަށް ހިނގައިގަތެވެ.
އެހިސާބަށް ދިޔައިރު، ބައްތިއެއް ހިފައިގެން ހުރި މީހަކާ ބައްދަލު ވެއްޖެއެވެ.
މުސްކުޅި ބޭބެ: "ތިބާއަކީ ކާކު ހެއްޔެވެ؟"
ބައްތި ހިފައިގެން ހުރި މީހާ: "އަހަރެން ބޭބެ ދެފަހަރު މިތަނަށް ވެއްޓުނުތަން ދެކިގެން މިއައީ ބޭބެ މިސްކިތަށް ގެންގޮސް ދޭން ވެގެންނެވެ."
އޭނާ މުސްކުޅި ބޭބެ މިސްކިތާ ހަމައަށް ގެންގޮސް، މިސްކިތުގެ ދޮރާ ހިސާބުން މަޑުކޮށްލައިފިއެވެ.
މުސްކުޅި ބޭބެ: "ނަމާދުކުރަން މިސްކިތަށް ނުވަންނަނީ ހެއްޔެވެ؟"
ބައްތި ހިފައިގެން ހުރި މީހާ އެކަމަށް އިންކާރު ކުރިއެވެ. އަނެއްކާވެސް މުސްކުޅި ބޭބެ ވަރަށް ބޮޑަށް އޭނާ ކުރެން މިސްކިތަށް ވަނުމަށް އެދުނެވެ. ނަމަވެސް އޭނާ ނަމާދުކުރަން މިސްކިތަށް ވަންނާކަށް ގަސްދެއް ނުކުރިއެވެ.
މުސްކުޅި ބޭބެ: "ބަލަ، ތިބާ މިސްކިތަށް ނަމާދުކުރަން ނުވަންނަން ތިޔަ އުޅެނީ ފަހެ ކީއްވެގެން ހެއްޔެވެ؟"
ބައްތި ހިފައިގެން ހުރި މީހާ: "އަހަރެންނަކީ ޝައިޠާނާއެވެ. ތިބާ މިސްކިތަށް އަންނަނިކޮށް މަގުމައްޗަށް ވައްޓާލީ އަހަރެންނެވެ. އެއީ އެނބުރި ގެއަށް ގޮސް މިސްކިތަށް ނާދޭތޯއެވެ. ނަމަވެސް ތިބާ އެނބުރި އައުމުން ﷲ ތިބާގެ ހުރިހާ ފާފަތައް ފުއްސަވައިފިއެވެ. ދެވަނަ ފަހަރުވެސް ވައްޓާލީ އަހަރެންނެވެ. އަދި ތިބާ އަނެއްކާވެސް މިސްކިތަށް އެނބުރި އައުމުން ﷲ ތިބާގެ ގޭގެ އެންމެންނަށް ފާފަ ފުއްސަވައިފިއެވެ. ތިންވަނަ ފަހަރު އަހަރެން ތިބާ ވައްޓާނުލީ ތިބާ ވައްޓާލައިފިނަމަ އަނެއްކާ މިސްކިތަށް އެނބުރި އަތުވެއްޖެނަމަ ތިއަވަށުގެ އެންމެންގެ ފާފަ ﷲ ފުއްސަވާފާނެތީއެވެ."
މުސްކުޅި ބޭބެ މި ވާހަކަ އަޑުއަހާ ހައިރާންވެ، ހިތްޕުޅުގައި ﷲ އަށް ޝުކުރުކުރެއްވިއެވެ. އޭނާއަށް ވިސްނުނީ އޭނާގެ ކެތްތެރިކަމާއި ދެމެހެއްޓެނިވި ގޮތެއްގައި ހެޔޮކަންތައް ކުރުމުގެ ސަބަބުން ލިބުނު މަތިވެރި ދަރުމައާ މެދުގައެވެ.
މުސްކުޅި ބޭބެ: "ސުބުޙާނަﷲ! އޭ ޝައިޠާނާއެވެ. ތިބާގެ ނުބައި ރޭވުންތަކުން ﷲ އަޅުގަނޑު ސަލާމަތްކުރެއްވިއެވެ. އަދި އެކަލާނގެ ރަޙުމަތްފުޅުން މިއަޅާއާއި މިއަޅާގެ އާއިލާއަށާއި މުޅި އަވަށަށް ދަރުމަ ދެއްވައިފިއެވެ."

ޝައިޠާނާއަށް އޭނާގެ މަޅީގައި އަޅުގަނޑުމެން ޖެއްސުމަށް ކުޑަނަމަވެސް ފުރުސަތެއް ނުދޭށެވެ……………..ފޮޓޯ:ފްރީޕިކް
ޝައިޠާނާ ފިލައިގެން ދިޔައެވެ. މުސްކުޅި ބޭބެ މިސްކިތަށް ވަދެ، ހިތްހަމަޖެހުމާއެކު ނަމާދުކުރެއްވިއެވެ. ނަމާދަށްފަހު، އޭނާ މި ހާދިސާގެ ވާހަކަ އެހެން މީސްތަކުންނަށް ކިޔައިދިނެވެ. މީސްތަކުން މި ވާހަކައިން އިބުރަތް ލިބިގަތެވެ.
މި ވާހަކައިން އަޅުގަނޑުމެންނަށް ދަސްވާ ފިލާވަޅަކީ، ހެޔޮކަންތައް ކުރުމުގައި ދިމާވާ ހުރަސްތަކުން ފަހަތަށް ނުޖެހި، ކެތްތެރިކަމާއެކު ކުރިއަށް ދިއުމުގެ މުހިންމުކަމެވެ. އަދި ޝައިޠާނާގެ ވަސްވާސްތަކަށް ދޫނުދީ، އަޅުކަމުގައި ސާބިތުވެ ތިބުމުގެ މުހިންމުކަމެވެ. ﷲ ގެ ރަޙުމަތްފުޅު އަޅުގަނޑުމެންނަށް އެންމެ ކުޑަމިނުން ހީވާވަރަށްވުރެވެސް މާ ބޮޑުކަން މި ވާހަކައިން އެނގެއެވެ.
އޭ ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! ޝައިޠާނާއަށް އޭނާގެ މަޅީގައި އަޅުގަނޑުމެން ޖެއްސުމަށް ކުޑަނަމަވެސް ފުރުސަތެއް ނުދޭށެވެ. އަޅުގަނޑުމެންގެ އަޅުކަންތަކުގައި ދެމިތިބެ، ﷲ ގެ ރުއްސެވުން ހޯދުމަށް މަސައްކަތް ކުރާށެވެ. ﷲ އަޅުގަނޑުމެން އެންމެންނަށް ތައުފީގު ދެއްވާށިއެވެ. އާމީން.
މީގެއިން ދޭހަވަނީ ޝައިތާނާގެ މަކަރުވެރިކަމެވެ. މުސްކުޅި ބޭބެ މިސްކިތަށް ދިޔުމަށް ހުރަސްއެޅުމަށް ޝައިތާނާ ދެފަހަރެއްގެ މަތިން އޭނާ ވައްޓާލިއެވެ. މިއީ ހެޔޮކަންތައްތަކުން މީސްތަކުން ދުރުކުރުމަށް ޝައިތާނާ ކުރާ މަސައްކަތުގެ ނަމޫނާއެކެވެ.
ހަމައެހެންމެ އިންސީންނާއި ޖިންނީންގެ ތެރޭގައިވެސް ޝައިތާނުން ވާކަމެވެ. އެހެނީ ޝައިތާނާ އެވަނީ އިންސާނެއްގެ ސިފައިގައި ފާޅުވެފަވެ. މިއީ ވަރަށް ބޮޑަށް ސަމާލުވާންޖެހޭ ކަމެކެވެ. ﷲ ތަޢާލާ ޤުރުއާނުގައި ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ: "އަދި ހަމައެފަދައިން ތިމަންއިލާހު ކޮންމެ ނަބިއްޔަކަށް ޢަދާވާތްތެރިންގެ ގޮތުގައި ޖިންނީންގެ ތެރެއިންނާއި އިންސީންގެ ތެރެއިންވާ ޝައިތާނުން ލެއްވީމެވެ." (އަންޢާމު: 112)
ތިންވަނަ ކަމަކީ، ހެޔޮކަންތަކުގައި ސާބިތުވެ ހުރުމުގެ މުހިންމު ކަމެވެ. އެމުސްކުޅި ބޭބެ ދެފަހަރަކު ވެއްޓުނު ނަމަވެސް، މިސްކިތަށް ދިޔުމުގެ މަގުސަދުގައި ސާބިތުވެ ހުރިއެވެ. މިކަމުގެ ސަބަބުން ﷲ ތަޢާލާ އޭނާއަށާއި އޭނާގެ ގޭގެ އެންމެންނަށް ފާފަ ފުއްސެވިއެވެ.
ހަތަރުވަނަ ކަމަކީ، ޖަމާޢަތުގައި ކުރާ ނަމާދުގެ މަތިވެރިކަމެވެ. މުސްކުޅި ބޭބެ މިހާ ބޮޑު މަސައްކަތެއް ކުރީ ޖަމާޢަތުގައި ނަމާދުކުރުމަށެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ: "ޖަމާޢަތުގައި ކުރާ ނަމާދު އެކަނިހުރެ ކުރާ ނަމާދަށްވުރެ ހަތާވީސް ގުނަ އިތުރުވެގެންވެއެވެ." (ރިވާހު މުއްތަފަޤުންޢަލައިހ)
(މީގައިވާ ވާހަކައާއި ހަދީޘްފުޅުތަކާއި އަދި ޤުރުއާނުގެ ދަލީލުތަކަކީ ރިޔާޟުއް ޞާލިޙީން މި ފޮތުން ނަގާފައިވާ ބައިތަކެކެވެ.)

