ކިލޯއެއްހައި ޑްރަގާއި 64,000 އެއްހައި ރުފިޔާއާއެކު ދެ މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލާގައި ހައްޔަރުކުރީ 19 އަހަރުގެ މީހަކާއި، 31 އަހަރުގެ މީހެކެވެ. މި ދެ މީހުންނަކީ ވެސް ދިވެހި ދެ ފިރިހެނުންނެވެ.
މި ދެ މީހުން ދިރިއުޅޭ އެޕާޓްމަންޓުން ގާތްގަނޑަކަށް ކިލޯއެއްހައި ޑްރަގާއި 64,000 އެއްހައި ރުފިޔާ ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި މަސްތުވާތަކެތި ބަންދުކުރަން ބޭނުންކުރާ އާލާތްތައް ވެސް އެ ތަނުން ފެނިފައިވެއެވެ.
ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވަނީ އެޕާޓްމަންޓުގެ ސިޓިންރޫމްގައި ހުރި އެނދަކުން ކަމަށާއި، 31 އަހަރުގެ މީހާ ދިރިއުޅޭ ކޮޓަރީގައި ހުރި އަލަމާރިއަކުން ވެސް މަސްތުވާތަކެތި ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި އެޕާޓްމަންޓުން ފެނުނު މަސްތުވާތަކެތީގެ ބަރުދަން އަދި ސާފުވާ ގޮތެއް ނުވެއެވެ.
މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 19 އަހަރުގެ މީހާގެ ބަންދަށް 10 ދުވަސް އަދި 31 އަހަރުގެ މީހާގެ ބަންދަށް 5 ދުވަސް ވަނީ ދީފައެވެ.

