ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ތެޔޮ ވިއްކުމުގެ ވިޔަފާރިކުރާ ހޯކްސް ކުންފުނީގެ ތެޔޮ ބޯޓެއްގައި ރާއްޖެއަށް ވަގަށް އެތެރެކުރި ސިނގިރޭޓުތަކުން މިހާތަނަށް 8475 ކާޓޫން ފެނިފައިވާ ކަމަށް ކަސްޓަމްސްއިން ރޭ ބުނެފިއެވެ.
ކަސްޓަމްސްއިން ނެރުނު ބަޔާނެއްގައި ބުނީ މިދިޔަ ބުރާސްފަތި ދުވަހުގެރޭ ރާއްޖެ އައި ”އެމްޓީ ހޯކްސް ޖަވާހިރު” ބޯޓުން ގިނަ އަދަދެއްގެ ސިނގިރޭޓް އެތެރެކުރަން އުޅޭކަމުގެ މައުލޫމާތު ހުކުރު ދުވަހުގެރޭ ލިބުމުން ޚާއްސަ އޮޕަރޭޝަނެއް ފަށައިގެން ކުރިއަށްގެންދާ ކަމަށެވެ.
ކަސްޓަމްސްއިން ބުނީ އެ ބޯޓުން އެތަކެތި ކ.ތިލަފުށްޓަށް ގެންގޮސްފައިވަނީ ހޯކްސްގެ ދޯންޏެއް ކަމައްވާ ”ހޯކްސް ރޯދި” އަށް އަރުވައިގެން ކަމަށެވެ. އަދި އެ ދޯނިން ސިނގިރޭޓުތައް ބާލައި އެ ކުންފުނީގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ޓްރަކަށް އަރުވައިގެން ގެންގޮސް، މި ތަކެތި ބަހައްޓާފައިވަނީ ހޯކްސްގެ ބޯޓްޔާޑަށް ކަމަށާއި މިކަން ކޮށްފައިވަނީ ހުކުރުދުވަހުގެރޭ 22:00 ހާއިރު ކަމަަށެވެ.
ބޯޓްޔާޑުގައި އިތުރު ސިނގިރޭޓު ހުރިކަމަށް ޝައްކުކުރެވޭތީ ކޯޓު އަމުރެއްގެ ދަށުން އެތަން ބަލައި ފާސްކުރަމުންދާ ކަމަށާއި، މިހާތަނަށް ބަލައި ފާސްކުރި ކުރުމުން އެ ތަނުގައި ހުރި އެކޮމެޑޭޝަނުންނާއި، ވޯކްޝޮޕުން މެންޗެސްޓާ ބްރޭންޑްގެ ސިނގިރޭޓު ފެނިފައިވާ ކަމަށް ކަސްޓަމްސްއިން ބުންޏެވެ. ފެނިފައިވަނީ ގާތްގަނޑަކަށް 1.695 މިލިއަން ސްޓިކްސްއެވެ.
މިއީ ރާއްޖެއަށް ސިއްރުން މުދާ އެތެރެކުރަން އުޅުނު މައްސަލައަކަށްވާތީ މި މައްސަލާގެ ތަހުގީގު ފަށާފައިވާ ކަމަށް ކަސްޓަމްސްއިން ވަނީ ބުނެފައެވެ.

