ގުޅީފަޅު ބިންހިއްކުމުގެ މަޝްރޫއު އެއްކޮށް ނިމިފައިވާ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބް މިއަދު ވިދާޅުވެއްޖެއެވެ.
ގުޅީފަޅު ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށްގެންދިޔައީ ބޮސްކާލިސް ވެސްޓްމިންސްޓާ ކޮންޓްރެކްޓިން ލިމިޓެޑާ ހަވާލުކޮށްގެންނެވެ.
ރައީސް އޮފީހުން މެންދުރުފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. މުއްޠަލިބް ވިދާޅުވީ ގުޅީފަޅު ބިންހިއްކުމުގެ މަޝްރޫއު އެއްކޮށް ނިމިފައިވާ ކަމަށާއި، މިނިސްޓްރީން މިހާރު ޕްރޮޖެކްޓާ ހަވާލުވެފައިވާ ކަމަށެވެ.
މި ދެންނެވީ ސޮއިކޮށްފަ ކުރިއަށްދިޔަ މަޝްރޫއުއާ އަދި އެއާ ގުޅިގެން ޖަހަންޖެހޭ ރިވެޓްމަންޓްގެ މަސައްކަތް އެއްކޮށް ނިމިފަ. ޕްރޮޖެކްޓާ މިހާރު ވަނީ އަޅުގަނޑުމެން ހަވާލުވެފަ. އެއާއެއްކޮށް ބުރިޖަށް ބޭނުންވާ މަގު، ގުޅީފަޅުގެ އެއްކޮޅުން އަނެއްކޮޅަށް ދިގުދެމިގެންދާ މަގު ހެދުމަށް ބޭނުންވާ ބިން އަޅުގަނޑުމެން ބުރިޖު ހަދާ ކޮންޓްރެކްޓަރާ އިރާދަކުރެއްވިއްޔާ މި ފެށޭ މަސްތެރޭގައި ހަވާލުކުރާނަން.
މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން 42 ހެކްޓަރުގެ ބިން ހިއްކާފައިވާއިރު، ދެވަނަ ފިޔަވަހީގައި 132 ހެކްޓަރުގެ ބިން ވަނީ ހިއްކައިފައެވެ.
މިނިސްޓަރު ވިދާޅުވީ ސަރުކާރުން އިތުރަށް ހިއްކަން ބޭނުންވާ 85 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ކުރުމަށް އެމްޓީސީސީއާއެކު އެމްއޯޔޫއެއްގައި ސޮއިކޮށް މަޝްރޫއުއަށް ފައިނޭންސް ހޯދުމުގެ މަސައްކަތް ކުރެވުނު ކަމަށެވެ. ނަމަވެސް ފައިނޭންސް ކުރުމުގެ ސާފު މަގެއް އަދި ފެންނަން ނެތުމުން އެ މަސައްކަތް ނުފެށި އޮތްކަން ފާހަގަކުރެއްވިއެވެ.
ނަމަވެސް އަމާޒަކީ އެކި ގޮތްގޮތުން މަސައްކަތްކޮށްގެން ވެސް 85 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ވީހާވެސް އަވަހަކަށް ކުރިއަށް ގެންދިއުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

