ސަރުކާރުން ފަރުމަހުގެ މަސްވެރިކަން ކުރާ ފަރާތްތަކަށް ދޫކުރުމަށް ނިންމާފައިވާ ހާއްސަ ލޯނު 62 ފަރާތަކަށް ދޫކުރުމަށް ނިންމައިފިއެވެ.
މި ލޯނަކީ އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) މެދުވެރިކޮށް ދޫކުރުމަށް މިދިޔަ ފެބްރުއަރީ މަހު ހުޅުވާލި ލޯނެކެވެ.
މި ލޯނަށް ޖުމްލަ 121 ފަރާތަކުން ކުރިމަތިލާފައިވާއިރު، ޓެކްނިކަލް އަދި ފައިނޭންޝަލް އިވެލުއޭޝަނަށް ފަހު 62 ފަރާތަކަށް ލޯނު ދިނުމަށް ވަނީ ނިންމާފައެވެ. މިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ކަމާބެހޭ ވަޒީރު އަހްމަދު ޝިޔާމް ވިދާޅުވީ، މި ލޯނަކީ ކަނޑުރޯދިން ނަފާ ހޯދާ ފަރާތްތަކަށް ފަހި ފުރުސަތުތައް ހޯއްދަވައިދެއްވުމަށް ރައީސް ޑރ .މުހައްމަދު މުއިއްޒު ވަރަށް ހާއްސަ އިސްކަމެއް ދެއްވާ ކަމެއް ކަމަށެވެ. އަދި މި ލޯނަކީ އާންމު ފަރުދުންނަށް އަތްލެވޭ ވަރަށް ލުއިކޮށް ފަސޭހައިން ލިބޭނެ ލޯނެއްކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، މި ލޯނުގެ ސަބަބުން ފަރުމަހުގެ މަސްވެރިކަން އިތުރަށް ތަރައްގީކޮށް، ސްޕޯޓްސް ފިޝިންގް ފަދަ އާމްދަނީ ލިބޭ އިތުރު ދޮރުތައް އިންޑަސްޓްރީގެ ތެރެއިން ހުޅުވާލެވިގެންދާނެ ކަމަށެވެ.
މި ލޯނަށް އަސްލު ކަނޑައަޅާފައިވަނީ 20 މިލިއަން ރުފިޔާއެވެ. ނަމަވެސް ލޯނަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ އަދަދު ގިނަކަމުން، ވީހާވެސް ގިނަ ފަރާތްތަކަކަށް ލޯނު ހަމަޖައްސައި ދިނުމަށް ޓަކައި އިތުރު 10 މިލިއަން ރުފިޔާ މި ލޯނަށް އިތުރުކޮށް، ޖުމްލަ 30 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.
މިހާތަނަށް 37 ފަރާތެއްގެ ލޯނަށް ރުހުންދީ، 20 ފަރާތަކަށް ލޯނުގެ ފުރަތަމަ އިންސްޓޯލްމަންޓް ދޫކޮށްފައިވާކަން ފާހަގަ ކުރެވެއެވެ.

