ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާ ގުޅިގެން އަލްޢަޞްރުގެ ފަރާތުން އިންތިޒާމްކޮށްގެން “ކަލަކުވޭ ބިރުވެތިވޭ” ނަމުގައި ހާއްސަ ދަރުސެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި ދަރުސް އޮންނާނީ 2024 ނޮވެމްބަރު 2 ވަނަ ދުވަހުގެ ރޭ 20:45 ގައި، ހުޅުމާލޭގެ ރުއްގަނޑު 2 ސަރަހައްދުގައެވެ.
މި ދަރުސްގައި ވާހަކަފުޅު ދައްކަވާނީ އިލްމީގޮތުން ފުންނާބު އުސް އަދި ވަރަށް ގިނަބަޔެއްގެ މަގުބޫލުކަން ހޯދާފައިވާ އިލްމުވެރިއެއް ކަމުގައިވާ ޑރ. އާދަމް ޝަމީމެވެ. އަލްޢަޞްރުން މައުލޫމާތު ދިންގޮތުގައި، މި ދަރުސް ޓީވީއެމް، ދާރިސް ޓީވީ އަދި އަލްޢަޞްރުގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް ލައިވްކޮށް ދައްކާނެއެވެ.
ހާއްސަ ކަމެއްގެ ގޮތުގައި، މި ދަރުސް ބަލަންދާ ފަރާތްތަކުގެ ތެރެއިން ނަސީބުވެރި ފަރާތަކަށް އައިފޯން 16 ޕްރޯ މެކްސްއެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި ގުރުއަތުގައި ބައިވެރިވުމަށް ޝަރުތު ހަމަވާނީ ދަރުހަށް ހާޒިރުވެ ރަޖިސްޓްރީކުރާ ފަރާތްތަކެވެ. އަދި ދަރުސް ނިމެންދެން މަޑުކުރާ ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތުން ހޮވޭ ފަރާތަކަށް މި އަގުބޮޑު ހަދިޔާ ލިބޭނެއެވެ.
މި ފުރުސަތުގެ ބޭނުން ހިފުމަށް ވީހާވެސް ގިނަ ފަރާތްތަކުން ދަރުހަށް އައުމަށް އަލް-ޢަޞްރުން ވަނީ ދަޢުވަތު ދީފައެވެ.

