ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާކުރާ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމެއްގައި، މި އަހަރަށް ލަފާކޮށް ހުށަހެޅި 5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓު ފާސްކުރަން ނިންމައިފިއެވެ. މި ނިންމުމާއެކު، މި އަހަރުގެ ޖުމްލަ ބަޖެޓު 55 ބިލިއަން ރުފިޔާއަށް އަރާނެއެވެ.
ކޮމިޓީ ބައްދަލުވުމުގައި ސަރުކާރުން ހުށަހެޅިގޮތަށް ބަޖެޓު ފާސްކުރަން ހުށަހެޅުއްވީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މަޖިލިހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމެވެ. ފިނޭންސް މިނިސްޓްރީން މަޖިލިހަށް ހުށަހެޅި ސަޕްލިމެންޓަރީ ބަޖެޓުގެ ޖުމްލަ އަދަދަކީ 5,119,508,129 ރުފިޔާއެވެ.
މި ބަޖެޓުގައި ރިކަރަންޓު ޚަރަދުގެ ގޮތުގައި 1.5 ބިލިއަން ރުފިޔާ ހިމެނިފައިވެއެވެ. މީގެ ތެރޭގައި މުސާރައަށް 24.4 މިލިއަން ރުފިޔާ، މެޑިކަލް ސަޕްލައިއަށް 200 މިލިއަން ރުފިޔާ، ސަބްސިޑީއަށް އެއް ބިލިއަން ރުފިޔާ، އަދި ބޭސް ފަރުވާގެ އެހީއަށް 262.6 މިލިއަން ރުފިޔާ ހިމެނެއެވެ.
ކެޕިޓަލް ޚަރަދުގެ ގޮތުގައި 3.6 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، މީގެ ތެރެއިން 2 ބިލިއަން ރުފިޔާ ބިން ހިއްކުމާއި އިމާރާތްކުރުން އަދި އިންފްރާސްޓްރަކްޗަރ ތަރައްޤީކުރުމަށް ޚަރަދުކުރުމަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން، ކެޕިޓަލް ކޮންޓްރިބިއުޝަންގެ ގޮތުގައި 441 މިލިއަން ރުފިޔާ، ކޮންޓިންޖެންސީގެ ގޮތުގައި 650 މިލިއަން ރުފިޔާ، އަދި ސްޓޫޑެންޓް ލޯނު ދޫކުރުމަށް 458.4 މިލިއަން ރުފިޔާ ހިމެނިފައިވެއެވެ.
ސަޕްލިމެންޓަރީ ބަޖެޓާ އެކު މި އަހަރުގެ ބަޖެޓު ޑެފިސިޓު 18 ބިލިއަން ރުފިޔާއަށް އަރާނެކަމަށް ލަފާކުރެވެއެވެ. މިއީ އުފެއްދުންތެރިކަމުގެ ނިސްބަތުން 16 އިންސައްތައެވެ. އަދި ސަޕްލިމެންޓަރީ ބަޖެޓުގައި ޖުމުލަ އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި އިތުރަށް 640 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެއެވެ.

