ދިވެހިރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރަކަށް ޢާއިޝަތު އަޒީމާ އައްޔަންކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
ރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރަކަށް އަޒީމާ އައްޔަންކުރައްވަން ނިންމަވައި، މަޖިލީހުގެ ރުހުން ހޯދުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މި މައްސަލަ މަޖިލީހަށް ފޮނުއްވީ މި މަހުގެ 15 ގައެވެ.
އެއީ އެ މަގާމުގައި މިހާރު ހުންނެވި އިބްރާހިމް ޝިހާބުގެ 3 އަހަރުގެ ދައުރު ހަމަވާތީއެވެ.
ސަފީރުކަމަށް އަޒީމާ އައްޔަންކުރުމުގެ މައްސަލަ ދިރާސާ ކުރުމަށްފަހު، ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއިން ފާސްކުރީ ރުހުންދޭން ފެންނަ ކަމަށެވެ.
ކޮމިޓީން ފާސްކުރި ގޮތަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ސަފީރުކަމަށް އަޒީމާ އައްޔަންކުރަން ފެންނަ ކަމަށް ފާސްކޮށްފައެވެ.
އެގޮތަށް ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 79 މެންބަރުންގެ އިއްތިފާގުންނެވެ.
ޚާރިޖީ ދާއިރާގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ އަޒީމާ މީގެކުރިން ވަނީ ރާއްޖެއިން ޗައިނާއަށް ކަނޑައަޅުއްވާފައިވާ ސަފީރުކަމުގެ މަގާމު ވެސް ފުރުއްވައިފައެވެ.

