އަލްމަމްލަކަތުލް ޢަރަބިއްޔަތުއް ސުޢޫދިއްޔާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކަމަށް
މ.ވެސްޓްސައިޑް، އަޙްމަދު ސަރީރު އައްޔަންކުރެއްވުމަށް ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއިން މިއަދު ފާސްކޮށްފިއެވެ.
ރާއްޖެއިން ސަޢޫދީއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރަކަށް ސަރީރު އައްޔަންކުރައްވަން ނިންމަވައި، މަޖިލީހުގެ ރުހުން ހޯދުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މި މައްސަލަ މަޖިލީހަށް ފޮނުއްވީ މި މަހުގެ 15 ވަނަ ދުވަހުއެވެ.
ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ރާއްޖެއިން ސަޢޫދީއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރަކަށް ސަރީރު އައްޔަންކުރައްވަން ފެންނަ ކަމަށް ފާސްކުރީ ކޮމިޓީގެ އިއްތިފާގުންނެވެ.
ސަރީރަކީ 1986 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ޚާރިޖީ ދާއިރާގެ އެކި މަގާމުތަކާއި، ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތަކުގެ އެކި ފެންވަރުގެ މަގާމުތަކުގައި އަގުހުރި ޚިދުމަތްތަކެއް ކުރައްވަމުން ގެންދަވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ.
ސަރީރު ފުރުއްވި މަގާމުތަކުގެތެރޭގައި:
- ބަންގްލަދޭޝަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކަމުގެ މަގާމު.
- ސްރީލަންކާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ 3 ވަނަ ސެކްރެޓަރީ ކަމުގެ މަގާމު.
- އ.ދ ގައި ހުންނަ ރާއްޖޭގެ ޕަރމަނަންޓް މިޝަންގެ 2 ވަނަ ސެކްރެޓަރީ ކަމުގެ މަގާމު.
- މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެސިސްޓެންޓް އަންޑަރ ސެކްރެޓަރީ ކަމުގެ މަގާމު.
- މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެސިސްޓެންޓް ޑިރެކްޓަރުގެ މަގާމު.
- މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ފޮރިން ރިލޭޝަންސް ކަމުގެ މަގާމު.
- މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޑެޕިއުޓީ ޑިރެކްޓަރު ކަމުގެ މަގާމާއި، ޑިރެކްޓަރު ކަމުގެ މަގާމު.
- މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމާއި، ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމު.
ސަރީރަކީ އޮސްޓްރޭލިއާގެ މޮނާޝް ޔުނިވަރސިޓީން ފޮރިން އެފެއާޒް އެންޑް ޓްރޭޑްގެ ރޮނގުން މާސްޓަރސް ޑިގްރީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.

