ބަޖެޓުގެ ތާށިކަމާއެކު ވެސް ގިނަ މަޝްރޫއުތަކެއް ނިމިފައިވާ ކަމަށް މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުﷲ މުއްޠަލިބް މިއަދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ރައީސް އޮފީހުން މ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުންނެވެ.
މިނިސްޓަރު އާންމުކުރެއްވި ތަފާސްހިސާބުތަކުގައިވާ ގޮތުން ކޮންސްޓްކްޝަން މިނިސްޓްރީން 322 މަޝްރޫއުއެއް ހިންގަން މިދިޔަ ސަރުކާރުން ސޮއިކޮށްފައިވެއެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި މި ހުރިހާ މަޝްރޫއުގެ އަގަކީ 39 ބިލިއަން ރުފިޔާއެވެ. ނަމަވެސް މަޝްރޫއުތައް ހިންގަން ބަޖެޓުގައި ހިމަނާފައި އޮތީ 3.6 ބިލިއަން ރުފިޔާއެވެ. އެއީ މި އަހަރު މަޝްރޫއުތައް ހިންގަން ބޭނުންވާ ފައިސާގެ އެންމެ 15-20 އިންސައްތައެވެ.
މިނިސްޓަރު ވިދާޅުވީ ބަޖެޓުގެ ތާށިކަން ހުރި ނަމަވެސް މަސައްކަތް ކުރީ ވީހާވެސް ގިނަ މަޝްރޫއު ހުއްޓާނުލައި ކުރިއަށް ގެންދަން ކަމަށެވެ.
އެގޮތުން މިދިޔަ ނޮވެމްބަރު 17 އިން ފެށިގެން ކޮންސްޓްރަކްޝަން މިނިސްޓްރީން ކުރިއަށް ގެންދިޔަ މަޝްރޫއުތަކުގެ ތަފުސީލު ހިއްސާކުރައްވަމުން މިނިސްޓަރު ވިދާޅުވީ ވޭތުވެދިޔަ މުއްދަތުގައި، ބަނދަރު ހެދުމުގެ 04 މަޝްރޫއުއާއި، ބިން ހިއްކުމުގެ އެއް މަޝްރޫއުއާއި، މަގު ހެދުމުގެ އެއް މަޝްރޫއުއާއި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ 03 މަޝްރޫއުއާއި، ފެނާއި ނަރުދަމާގެ 29 މަޝްރޫއު ނިމިފައިވާ ކަމަށެވެ.
މީގެއިތުރުން މި ފެށޭ ނޮވެމްބަރު 17 ވަނަ ދުވަހުގެ ނިޔަލަށް އިތުރު 21 މަޝްރޫއު ނިންމުމަށް އަމާޒު ހިފާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

