މ.މުލަކުގައި 500 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ހަދަން ސަޢޫދީ ޢަރަބިއްޔާގެ ކުންފުންޏެއް ކަމަށްވާ އާރްއޯއެސް ފޮރ ޓްރޭޑިންގ ކޮމްޕެނީއާ ހަވާލުކޮށްފިއެވެ.
ފިޝަރީޒް މިނިސްޓްރީން މިއަދު ވަނީ އެ ކުންފުންޏާއެކު މި މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.
މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް އީނާސް ނަޞީރެވެ. އާރްއޯއެސް ފޯރ ޓްރޭޑިންގް ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ ޑައިރެކްޓަރ ހަމަދު މުޙައްމަދު އަލްމިންހާލީއެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ މި މަޝްރޫއުގެ ދަށުން މުލަކުގައި އަޅާ 500 ޓަނުގެ ކޯލްޑް ސްޓޯރޭޖްގައި ދުވާލަކު 50 ޓަނު މަސް ބްރައިން ފްރީޒްކުރުމުގެ ގާބިލުކަން ހުންނާނެ ކަމަށެވެ.
މިނިސްޓްރީން މައުލޫމާތު ހިއްސާކުރި ގޮތުގައި މި އެއްބަސްވުމުގެ ދަށުން، ސްޓޯރޭޖްގެ ޑިޒައިނިންގ މަސައްކަތާއެކު މި ފެސިލިޓީ އަޅައި ނިންމުމަށް 300 ދުވަސް ވަނީ ދީފައެވެ. އަދި މުޅި މަޝްރޫޢަށް 5.188 މިލިއަން އެމެރިކާ ޑޮލަރު ޚަރަދުވާނެއެވެ.
މި ފެސިލިޓީ ގާއިމުކުރުމުން މުލަކު އަތޮޅުގެ މަސްވެރިންނަށް ބޮޑު ލުޔެއް ލިބި، މަސްވެރިކަމުގެ ސިނާއަތަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ބެލެވޭ ކަމަށް ފިޝަރީޒް މިނިސްޓްރީން ވަނީ ބުނެފައެވެ.

