ދަތުރުފަތުރުގެ ހިދުމަތް ދުވާލަކު 40،000 އަށް ވުރެ ގިނަ މީހުން ބޭނުން ކުރޭ: އެމްޓީސީސީ
މާލެ، 15 މާރިޗު 2024 (އެމްޓީސީސީ) – މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފައިވާ ގޮތުގައި، ދުވާލަކު 40،000 އަށް ވުރެ ގިނަ މީހުން އެ ކުންފުނީގެ ދަތުރުފަތުރުގެ ހިދުމަތް ބޭނުންކުރެއެވެ.
ސަންގުގެ ޕްރޮގްރާމެއްގައި އެމްޓީސީސީގެ ފަރާތުން މައުލޫމާތު ދެމުން ބުނެފައި ވަނީ، ލަކުޑި ފެރީގެ ނިޒާމަކީ މުޅި ރާއްޖޭގައި ކުރިއަށް ގެންދާ ހިދުމަތެއް ކަމަށާއި، އާރް.ޓީ.އެލްގެ ހިދުމަތް އަތޮޅުތެރޭގެ ރަށްތަކަށް ދެމުން ގެންދާ ކަމަށެވެ. މިގޮތުން ހއ. ހދ. ށ. ގއ. ގދ. އައްޑޫ އަދި ފުވައްމުލަކުގައި ހިދުމަތް ދެމުންދާއިރު، މިއަހަރުގެ ތެރޭގައި ނ. އަތޮޅުގެ އިތުރުން ޅ. އަތޮޅާއެކު ޖުމްލަ 9 އަތޮޅެއްގައި ހިދުމަތް ފަށާފައިވާކަން އެމްޓީސީސީން ފާހަގަކޮށްފައިވެއެވެ.
ބަހުގެ ހިދުމަތަށް ބަލާއިރު، ގްރޭޓަރ މާލެ އޭރިއާ، ހއ. ދިއްދޫ، ކުޅުދުއްފުށި ސިޓީ، ލ. އަތޮޅުގެ އިތުރުން އައްޑޫ އަދި ފުވައްމުލަކުގައި ވެެސް ބަހުގެ ހިދުމަތް ދެމުން ގެންދާ ކަމަށް އެމްޓީސީސީން މައުލޫމާތު ދީފައިވެއެވެ.
އެމްޓީސީސީން ހިއްސާކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި، 2023 ވަނަ އަހަރު އެކަނިވެސް 14 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދީފައިވެއެވެ. މެދުކެނޑުމެއް ނެތި، ދެމެހެއްޓެނިވި ގޮތެއްގައި މި ހިދުމަތް ދެވޭ މައިގަނޑު އެއް ސަބަބެއް ކަމަށް އެމްޓީސީސީން ފާހަގަ ކޮށްފައި ވަނީ ސްޓޭކްހޯލްޑަރުންނާއި ކަސްޓަމަރުންނާއެކު ކުރެވޭ މަޝްވަރާތަކުގެ މައްޗަށް މަސައްކަތް ކުރުމެވެ.
ބަހުގެ ހިދުމަތާ ގުޅޭގޮތުން އެމްޓީސީސީން ބުނެފައި ވަނީ، ކާޑުން ފައިސާ ދެއްކޭނެ އިންތިޒާމު ހުރުމާއި، އެޕްލިކޭޝަން މެދުވެރިކޮށް މައުލޫމާތު ފެންނަން ހުރުން ފަދަ ލުއިފަސޭހަތައް ހުންނާނެ ކަމަށެވެ. މިހާރު އެމްޓީސީސީ ކާޑުގެ އިތުރުން ވިސާ ކާޑާއި، އެމެރިކަން އެކްސްޕްރެސް އަދި އެމެކްސް ކާޑުތައް އެ ކުންފުނީގެ ހުރިހާ އުޅަނދުތަކެއްގައިވެސް ބޭނުން ކުރެވޭއިރު، މާލެ ސަރަހައްދުގެ ހުރިހާ ޓާމިނަލްތަކެއްގައި ވެސް މި ކާޑުތަކުން ހިދުމަތް ހޯދޭނެއެވެ.
އެމްޓީސީސީން ފާހަގަކޮށްފައިވާ ގޮތުގައި، ބަހުގެ ހިދުމަތް ދެމުން ގެންދާއިރު ޕީކް ގަޑިތަކުގައި ޝެޑިއުލް ކޮށްފައިވާ ވަރަށް ވުރެ ގިނައިން ބަސް ފޮނުވަން ޖެހުމަކީ ދިމާވާ އެއް ގޮންޖެހުމެވެ. މި ގޮންޖެހުމުން އަރައިގަތުމަށްޓަކައި، ޕަބްލިކް ޓްރާންސްޕޯޓުގެ ބޭނުން ކުރާނަމަ ކަސްޓަމަރުން ކުރިއާލާ ދަތުރު ޕްލޭންކުރުން މުހިންމު ކަމަށް އެމްޓީސީސީން އިރުޝާދު ދީފައިވެއެވެ.
"މިސާލަކަށް 8:00 ޖަހާއިރު ތަނަކަށް ދާ ކަމަށްވާނަމަ 7:30 ގައި ޝެޑިއުލް ބަހަށް އެރުމަކީ އުނދަގޫ ކަމެއް. ގިނަ މީހުން އެގަޑިއަށް ދަތުރު ކުރަން ދިމާ ކުރުމުން ވާ ގޮތަކީ ބަހުގެ އެތެރޭގެ ނިޒާމު ގެއްލި ބަލަހައްޓަން އުނދަގޫވެ ބައެއް ސޭފްޓީ މެޝާސް ކޮމްޕްރޮމައިޒް ކުރަން ޖެހޭ. އެހެންކަމުން ދުރާލާ ދަތުރަށް ތައްޔާރުވެ 15 މިނެޓު ކުރިން ނިކުމެ ރެޑީވެގެން ތިބުމަކީ ވަރަށް މުހިންމު ކަމެއް އަސްލު،" އެމްޓީސީސީން ބުނެފައިވެއެވެ.
އެމްޓީސީސީން ހާމަކޮށްފައިވާ ގޮތުގައި މިނީ ބަހުގެ ހިދުމަތް ދޭން ފެށީ 2022 ގައި ކަމަށާއި، ރާއްޖޭގައި އަދި މި ހިދުމަތް އޮތީ ޅަފަތުގައި ކަމަށެވެ. އެހެންކަމުން ޕަބްލިކް ޓްރާންސްރާންސްޕޯޓް ބޭނުންކުރާނަމަ ރައްޔިތުންގެ ދިރިއުޅުމުގެ ވައްޓަފާޅި ކޮންމެވެސް ވަރަކަށް އެކަމަށް ބަދަލުކޮށްގެން ކުރިއަށް ގެންދިއުމަކީ މުހިންމު ކަމެއް ކަމަށާއި، އަދި އެ ހިދުމަތަށް އެދޭ ގޮތާއި އެކަމާ މެދު ވިސްނާ ގޮތްވެސް ބަދަލުކުރަން ޖެހޭ ކަމަށް އެމްޓީސީސީން ވަނީ އިލްތިމާސްކޮށްފައެވެ.

