ދުވަސް ފެށުމުގެ ގޮތުން ފުރަތަމަ ވެސް ނަމާދު ކޮށްލަމާ ހިނގާށެވެ. މިއީ ހިތާއި ނަފްސު ސާފްކޮށްލެވޭނެ ހަމައެކަނި ފަރުވާއެވެ. އަދި މި ފަރުވާއިން ދުވަސް ބާއްޖަވެރިވާއިރު، ދުވަހުގެ މަސައްކަތުން މީހާގެ ހަރަކާތްތައްވެސް ތާޒާކޮށްލާނީ ނަމާދުންނެވެ. ފުރަތަމަ ފަތިސް ނަމާދުން ފަށަމާ ހިނގާށެވެ. ބަރެއް ބޯ މަތިން ދިޔަ ކަމުގެ އިހުސާސް ކުރެވޭނެއެެވެ. އަދި ލިބޭ ހިތްހަމަ ހަމަޖެހުމުން ނަފްސަށް ފަސޭހަވާއިރު، ދުވަހުގެ މަސައްކަތްތައްވެސް ކާމިޔާބު ކަމާއެކު ކުރެވޭނެއެވެ.
ކޮންމެ މުސްލިމެއްގެ މައްޗަށް ކުރުމަށް އެކަލާގެ ކަނޑައަޅުއްވާފައިވާ އަޅުކަމަކީ ނަމާދެއެވެ. އެހެންކަމުން، އަޅުގަނޑުމެން ދުވާލެއްގެ މައްޗަށް ކުރާ 5 ނަމާދު ސަބަބުން ދެ ދުނިޔޭގެ ބާއްޖަވެރިކަން ލިބެއެވެ. ކޮންމެ މުސްލިމަކުވެސް ދުވާލަކު ފަސް ނަމާދު ކުރުން ވާޖިބުވެގެންވެއެވެ. އެގޮތުން ފަތިސް ނަމާދާއި މެންދުރު ނަމާދާއި، ޢަޞްރު، އަދި މަޣްރިބްއާއި ޢިޝާވެސް ހިމެނެއެވެ.
ފުރިހަމަ މުސްލިމެއްގެ މައްޗަށް އެމީހުންގެ ނަމާދާއި ބެހޭގޮތުން އެނގެންޖެހޭ ހުރިހާ ކަމެއް އެނގިފަ އޮންނަން ޖެހެއެވެ. ފުރިހަމަ މުސްލިމަކަށް ވެވޭނީވެސް ނަމާދުގެ އަޅުކަން ފުރިހަމަ ކޮށްގެންނެވެ.
ދުވާލެއްގެ މައްޗަށް ފަސް ނަމާދުކުރުމަށް ވަގުތު ހުސްކުރުމަކީ ހުރިހާ މުސްލިމުންގެ މައްޗަށް ވާޖިބެކެވެ. الله ތަޢާލާ ހަނދުމަކުރުމާއި، ދިރިއުޅުމުގެ މަޤްޞަދުގެ މުހިންމު ކަންތައް ހާސިލް ކުރުމަށް އެކަލާނގެއަށް އަޅުކަންކުރުން ފަދަ ކަންކަން ކުރުމުގައި ސާބިތުވެ ތިބެންޖެހެއެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އެންމެހާ މުސްލިމުންނާ އެއް ދިމާލަކަށް (ޤިބްލާ) ކުރިމަތިލައި އަތް އުފުލާއިރު، ދިރިއުޅުމުގެ ނުތަނަވަސްކަމާއި ކަންބޮޑުވުންތައް އެއްފަރާތްކޮށް، އަޅާގެ ވެރިރަސްކަލާނގެ ހަނދުމަކުރެވޭނެ ވެސްމެއެވެ.
ނަމާދުކުރާއިރު ސުޖޫދުގައި ނުވަތަ ސަޖިދަކުރުމުގައި އެކަލާނގެއާ އެންމެ ކުއްތަންވެވޮޑިގަންނަވައެވެ. ފަޤީރުކަމާއި ތަކުލީފުތައް ފިލުވައިދެއްވުމަށް الله ތަޢާލާގެ ޙަޟްރަތުގައި ހިނދުކޮޅަކު ދަންނަވާށެވެ. ދުޢާ ކުރުމުގައި ދެމިތިބޭށެވެ.

