ގއ ކޫއްޑޫ އެއާޕޯޓްގެ ރަންވޭ މަރާމާތުކުރުމުގެ މަސައްކަތް ނިމި، އެއާޕޯޓަށް ފްލައިޓް ޖައްސަން މިއަދު ފަށައިފިއެވެ.
ރަންވޭ މަރާމާތުކުރުމަށްފަހު ފުރަތަމަ ފްލައިޓް ކޫއްޑޫއަށް ޖައްސާފައިވަނީ މިއަދު ހެނދުނު ކާޑެއްދޫއިން އައި މޯލްޑިވިއަން އެއަރލައިންސްގެ ފްލައިޓެކެވެ.
މި ކަމާ ގުޅޭގޮތުން ކޫއްޑޫ އެއާޕޯޓް ހިންގާ ކުންފުނީގެ އޮފިޝަލަކު މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، ރަންވޭގައި ކުރަންޖެހުނު މަރާމާތުގެ މަސައްކަތް މިހާރު ވަނީ ނިމިފައި ކަމަށެވެ. އަދި މިއަދުން ފެށިގެން ކުރިއެކޭ އެއްގޮތަށް ކޫއްޑޫ އެއާޕޯޓްގެ އޮޕަރޭޝަންތައް ކުރިއަށްދާނެ ކަމަށް އެ އޮފިޝަލް ވިދާޅުވިއެވެ.
މޯލްޑިވިއަން އެއަރލައިންސްއިން ވެސް ވަނީ ކޫއްޑޫއަށް ދަތުރުތައް އަލުން ފަށައިފައިވާކަން ޔަގީންކޮށްދީފައެވެ.
ކޫއްޑޫ އެއާޕޯޓަށް ކުރަމުން އައި ދަތުރުތައް ހުއްޓާލާފައިވަނީ އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހުއެވެ. މޯލްޑިވިއަން އެއަރލައިންސްއިން ބުނެފައިވަނީ ކޫއްޑޫ އެއާޕޯޓަށް ދަތުރުތައް ކުރުން ހުއްޓާލަން ޖެހުނީ، އެއާޕޯޓްގެ ރަންވޭ ބޭނުންކުރަން އެކަށީގެންނުވާތީ ކަމަށެވެ.
2012 ވަނަ އަހަރު ހުޅުވުނު ކޫއްޑޫ އެއާޕޯޓަކީ އެ ސަރަހައްދުގައި އޮތް އެންމެ ބިޒީ އެއާޕޯޓެވެ. އެހެންނަމަވެސް ކޫއްޑޫ އެއާޕޯޓްގެ ރަންވޭ ރަނގަޅަށް މަރާމާތު ނުކުރާތާ ގިނަ އަހަރުތަކެއް ވަނީ ވެފައެވެ. އަދި ރަންވޭ މަރާމާތަށް ފަރުވާކުޑަ ވެގެން މޯލްޑިވިއަންގެ ބައެއް ފްލައިޓްތަކަށް ވަނީ ގެއްލުންވެސް ލިބިފައެވެ.

