ގުޅީފަޅުން ގޯތި ލިބުނު މީހުންނަށް ބިން ކަނޑައެޅުމުގެ ގުރުއަތުލުން ފެށިއްޖެ
ގުޅީފަޅުން ގޯތި ލިބުނު މީހުންނަށް ލިބޭ ބިން ކަނޑައެޅުމަށް ބާއްވާ ގުރުއަތުލުން މިއަދު ފަށައިފިއެވެ. މި ގުރުއަތުލުން ކުރިއަށް ދަނީ ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައެވެ.
ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވިގޮތުގައި، މި ގުރުއަތުލުމުގައި މިހާތަނަށް ޕްލޮޓް ހަވާލުކޮށްފައިވާ ފަރާތްތަކާއި، މިހާތަނަށް ޕްލޮޓް ހަވާލުނުކޮށް ތިބި ފަރާތްތަކާއި، ގިރާވަރު ފަޅުން ލިބިފައިވާ ގޯތިތައް ގުޅީފަޅަށް ބަދަލުކުރި މީ މީހުންގެ ގޯތީގެ ގުރުއަތުލުންވެސް ކކުރިއަށްދާނެއެވެ.
ގުޅީފަޅުން ޖުމްލަ 3520 ގޯތި ދޫކުރެވޭނެއެވެ. މީގެ ތެރޭގައި 1250 އަކަފޫޓުން ފެށިގެން 3650 އަކަފޫޓާ ހަމައަށް ތަފާތު ބޮޑުމިނުގެ ގޯތިތައް ހިމެނެއެވެ. ގުރުއަތުލުމުގެ ކަންކަން ކުރިއަށްދަނީ ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން އެކުލަވާލާފައިވާ ލިސްޓުގައިވާ ތަރުތީބުންނެވެ.

މި ގުރުއަތުލުން ކުރިއަށް ދަނީ ދަރުބާރުގޭ ގައި
ގުރުއަތުލުމުގެ ކަންކަން ބަލަން ވަނުމުގެ އިންތިޒާމް ވުޒާރާއިން ވަނީ ހަމަޖައްސަވާފައެވެ. ބިން ލިބޭ ފަރާތެއްގެ ބަދަލުގައި އެހެން ފަރާތަކުން ޙާޟިރުވާން ބޭނުންނަމަ، ބިން ލިބޭ ފަރާތުގެ އިއުތިރާޒެއްނެތް ކަމުގެ ލިޔުމަކާއި އައި.ޑީ.ކާޑްގެ ކޮޕީ ގެންދަންވާނެކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.
ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް އައިސްފައިވާ ބަދަލާއިގުޅިގެން، ގުޅީފަޅުން ގޯތި ލިބިފައިވާ ފަރާތްތަކުގެ ގޯތީގެ ލޮކޭޝަނަށް ވަނީ ބަދަލު އައިސްފައެވެ. ގޯތިލިބޭ ފަރާތްތަކުގެ ގުރުއަތުނަގާ ނިމުމުން، ގޯތިތަކުގެ ރަޖިސްޓްރީއާއި، ބިން ލިބޭ ފަރާތްތަކތްތަކާއެކުވާ އެއްބަސްވުންތަކާ ގުޅޭ މަޢުލޫމާތު ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ޙިއްސާކުރާނެކަމަށް އެވުޒާރާއިން ވިދާޅުވެއެވެ.
މި ގުރުއަތުލުން ޕަބްލިކް ސަރވިސް މީޑިއާގެ ޔެސްޓީވީން ދަނީ ލައިވްކުރަމުންނެވެ.

