ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް އުފައްދާފައިވާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް އައްޔަން ކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބޭ ގޮތަށް ހުށަހަޅާފައިވާ ބިލަށް ރައްޔިތުންގެ މަޖިލީހުގައި މިއަދު ބަހުސް ފަށައިފިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ބިލު ހުށަހެޅުއްވީ ފެލިދޫ ދާއިރާގެ މެންބަރު އާދަމް ޒާހިރެވެ. ބިލު ހުށަހަޅުއްވަމުން އާދަމް ޒާހިރު ވިދާޅުވީ، މިފަދަ އިސްލާހެއް މަޖިލީހަށް ހުށަހެޅެނީ މިއީ ފުރަތަމަ ފަހަރު ނޫން ކަމަށާއި، މީގެ ކުރިން ސިވިލް ސަރވިސް ކޮމިޝަންގެ ބިލަށްވެސް މިފަދަ އިސްލާހެއް ގެނެސްފައިވާ ކަމަށެވެ. އަދި އިދިކޮޅު މެންބަރުން ވެސް މި އިސްލާހަށް ތާއީދުކޮށް ފާސްކޮށްދެއްވުމަށް އޭނާ އެދިވަޑައިގަތެވެ.
މިހާރު ޤާނޫނުގައި އޮންނަ ގޮތުން އޭސީސީގެ ރައީސް އައްޔަން ކުރަނީ އެ ކޮމިޝަންގެ މެންބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ. ނަމަވެސް މި އައު ބިލުގައިވާ ގޮތުން، އޭސީސީގެ ރައީސްކަމަށް ކޮމިޝަންގެ މެންބަރުންގެ ތެރެއިން މެންބަރެއްގެ ނަން މަޖިލީހަށް ހުށަހަޅާނީ ރައީސުލްޖުމްހޫރިއްޔާއެވެ. އަދި މި ނަން ފާސްކުރުމަށް މަޖިލީހުގެ ޖަލްސާއެއް ބާއްވަންޖެހޭނެއެވެ. މީގެ އިތުރުން، އެ މަޤާމުން އިސްތިއުފާ ދޭން ހުށަހަޅަންޖެހޭނީ ވެސް ރައީސުލްޖުމްހޫރިއްޔާއަށް ކަމަށް އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.
އޭސީސީގެ އިތުރުން، އިންތިޚާބުތަކުގެ ކަންތައް ބަލަހައްޓަމުން އަންނަ އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ގެ ރައީސްއާއި ނައިބު ރައީސް އައްޔަން ކުރުމުގެ ބާރު ވެސް ރައީސުލްޖުމްހޫރިއްޔާއަށް ލިބޭ ގޮތަށް އިސްލާހު ގެނައުމުގެ މަސައްކަތް ކުރިއަށްދާކަން ފާހަގަކުރެވެއެވެ.

