ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ސަރުކާރުގެ ޚަރަދުތައް ހަމަޖެއްސުމަށް ހުށަހަޅާފައިވާ ސަޕްލިމެންޓަރީ ބަޖެޓު ފާސްކޮށްފިއެވެ. މި ބަޖެޓު ފާސްވެފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 75 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. އަދި 11 މެންބަރުން ވަނީ މި ބަޖެޓާ ދެކޮޅަށް ވޯޓު ދެއްވާފައެވެ.
ސަރުކާރުން ހުށަހަޅުއްވާފައިވާ މި ސަޕްލިމެންޓަރީ ބަޖެޓަކީ 5,119,508,129 ރުފިޔާގެ ބަޖެޓެކެވެ. މީގެ ތެރެއިން ރިކަރަންޓް ޚަރަދުގެ ގޮތުގައި 1.5 ބިލިއަން ރުފިޔާ އަދި ކެޕިޓަލް ޚަރަދުގެ ގޮތުގައި 3.5 ބިލިއަން ރުފިޔާ ހިމެނިފައިވެއެވެ.
ބަޖެޓް ބަޔާން މަޖިލީހަށް ހުށަހަޅުއްވަމުން، ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ މި އަހަރަށް ފާސްކޮށްފައިވާ ބަޖެޓަކީ ނިމިދިޔަ ސަރުކާރުން އެކުލަވާލާފައިވާ ބަޖެޓެއް ކަމަށެވެ. އަދި ސަޕްލިމަންޓަރީ ބަޖެޓް ހުށަހެޅުމުގެ މައިގަނޑު ސަބަބަކީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ތަސައްވުރާއވުރާއި ވިސްނުން މިއަހަރުގެ ބަޖެޓުގައި ފުރިހަމައަށް ހިމެނުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، މިނިސްޓަރު މޫސާ ޒަމީރު ފާހަގަކުރެއްވި ގޮތުގައި، ބަޖެޓުގައި ހިމަނާފައިވާ ރިފޯމްތައް ތަންފީޒުކުރަން ކުރަންޖެހޭ މަސައްކަތްތަކުގެ ބޮޑުބައި ކުރަން ޖެހުމުން، އަންދާޒާކޮށްފައިވާ މިންވަރަށްވުރެ ވަގުތު ނަގަން ޖެހުމާއި ޚަރަދު އިތުރުވާނެ ކަމަށް ބެލެވުން ވެސް މި ސަޕްލިމެންޓަރީ ބަޖެޓް ހުށަހެޅުމުގެ ސަބަބުތަކުގެ ތެރޭގައި ހިމެނެއެވެ.
ފާއިތުވި އަހަރު ވެސް ދައުލަތުގެ ޚަރަދުތައް ފޫބެއްދުމަށް 6.5 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓެއް ވަނީ ފާސްކޮށްފައެވެ. މިއަހަރުގެ ސަޕްލިމެންޓަރީ ބަޖެޓު ފާސްވުމާއެކު، ސަރުކާރުގެ ޚަރަދުތައް ހަމަޖެއްސުމަށް އިތުރު ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

