މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ވަޒީފާގެ ބާޒާރާ ގުޅޭ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް ފަށައިފިއެވެ.
މި މަސައްކަތުގެ ދަށުން “ލޭބަރ ފޯސް ސަރވޭ” ގެ ނަމުގައި މާލެ ސަރަޙައްދުގެ ރެންޑަމްކޮށް ހޮވާލެވިފައިވާ ގޭބިސީތަކެއްގައި ސަރވޭއެއް ކުރިއަށް ގެންދިޔުމުގެ މަސައްކަތް ވަނީ ފެށިފައެވެ.
މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން މަޢުލޫމާތު ދެއްވިގޮތުގައި، ލޭބަރ ފޯސް ސަރވޭއަކީ ރާއްޖޭގެ ވަޒީފާގެ ބާޒާރާ ގުޅޭ މުހިންމު ތަފާސްހިސާބު އެއްކުރުމަށްޓަކައި ކުރާ ޤައުމީ ދިރާސާއެކެވެ. މި ދިރާސާއިން އެއްކުރެވޭ މަޢުލޫމާތުން މަސައްކަތް ލިބިފައިވާ އާބާދީގެ ނިސްބަތާއި، މަސައްކަތް ލިބިފައިނުވާ އާބާދީގެ ނިސްބަތް ފަދަ ވަޒީފާގެ ބާޒާރާ ގުޅޭ މުހިންމު ތަފާސްހިސާބުތައް އެކުލަވާލެވޭނެއެވެ.
މި ދިރާސާގައި މައިގަނޑު ގޮތެއްގައި މަޢުލޫމާތު އެއްކުރުމަށް ހަމަޖެހިފައިވަނީ މީހުންގެ އާންމު މަޢުލޫމާތާއި، ހިޖުރަކުރުމާއި، ތަޢުލީމާއި، ވަޒީފާއާއި، އާމްދަނީ ހޯދުމުގެ މަސައްކަތްކުރާ އާބާދީގެ ތަފްސީލާއި، އާމްދަނީ ލިބޭ މަސައްކަތް ހޯދާ އަދި ލިބިފައިނުވާ އާބާދީގެ ތަފްސީލެވެ. މީގެ އިތުރުން އާމްދަނީ ލިބޭ އަދި އާމްދަނީ ނުލިބޭގޮތަށް ކުރާ މަސައްކަތާއި، ގޭތެރޭގެ މަސައްކަތުގައި ވަގުތު ހޭދަކުރާ މިންވަރު އަދި ހިލޭސާބަހަށް ކުރާ މަސައްކަތުގެ ތަފްޞީލުވެސް ހޯދުމަށް ވަނީ ހަމަޖެހިފައެވެ.
މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ފާހަގަކުރެއްވި ގޮތުގައި، ލޭބަރ ފޯސް ސަރވޭއަކީ “ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ޤާނޫނު” ގެ ދަށުން ހުއްދަ ލިބިގެން ކުރާ ސަރވޭއެކެވެ. އަދި މި ސަރވޭއިން އެއްކުރެވޭ ވަކިފަރުދެއް ނުވަތަ ގޭބިސީއެއްގެ މަޢުލޫމާތަކީ ސިއްރެއްގެ ގޮތުގައި ހިފަހައްޓާނެ މަޢުލޫމާތެވެ.
އެ އިދާރާއިން އާންމުންނަށް އިލްތިމާސްކުރައްވާފައިވަނީ، މި ސަރވޭއަށް މަޢުލޫމާތު ހޯދުމަށްޓަކައި ބައްދަލުކުރަން ބޭނުންވާ ގޭބިސީގެ މީހުންނާ ފަސޭހައިން ބައްދަލުކުރެވޭނެ އިންތިޒާމް ހަމަޖައްސައި ދިނުމަށެވެ. އަދި ޤާނޫނުގައި ކަނޑައެޅިފައިވާގޮތަށް ހުއްދަ ލިބިގެން ސަރުކާރުގެ ބޭނުމަކަށް މަޢުލޫމާތު އެއްކުރުމުގެ މަސައްކަތުގައި އުޅޭ މީހަކު އެދިއްޖެ ހިނދެއްގައި، ކަނޑައެޅިފައިވާ މުއްދަތެއްގެ ތެރޭގައި ތެދު މަޢުލޫމާތު ދިނުމަކީ އާންމުންގެ މަސްއޫލިއްޔަތެއްކަމުގައި އެ އިދާރާއިން ވަނީ ހަނދާންކޮށްދީފައެވެ.
މި ސަރވޭގެ ނަތީޖާތަކަކީ ރާއްޖޭގެ ވަޒީފާގެ ބާޒާރުގެ ޙާލަތު ދެނެގަތުމަށާއި، އެކަމާ ގުޅޭ ސިޔާސަތުތައް އެކުލަވާލުމަށް ބޭނުންކުރެވޭނެ މުހިންމު މަޢުލޫމާތުތަކެއް ކަމުގައި މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ވިދާޅުވިއެވެ. އަދި މި ސަރވޭގެ ނަތީޖާތައް އާންމުކޮށް ޝާއިޢުކުރެވޭނެ ކަމަށްވެސް އެ އިދާރާއިން މަޢުލޫމާތު ދެއްވިއެވެ.
މި ސަރވޭގެ މަސައްކަތް ކުރިއަށްދާނީ މާލެ ސަރަޙައްދުގައި ކަމަށާއި، ސަރވޭގެ މަސައްކަތް ނިމުމަކަށް އަންނާނީ އނީ އަންނަ މަހުގެ ތެރޭގައި ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.
އަދި މި ސަރވޭގެ ނަތީޖާތައް މި އަހަރުގެ ތެރޭގައި އާންމުކުރެވޭނެ ކަމަށްވެސް އެ އިދާރާއިން މަޢުލޫމާތު ދެއްވިއެވެ.

