ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އައްޔަން ކުރެއްވި ތިން ވަޒީރުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދެއްވައިފިއެވެ.
މިގޮތުން ހާރިޖީ ވަޒީރުކަމަށް އައްޔަން ކުރެއްވި ޑރ. އަބްދުﷲ ޚހަލީލް، މާލީ ވަޒީރުކަމަށް އައްޔަން ކުރެއްވި މޫސާ ޒަމީރު އަދި ސިއްޙީ ވަޒީރުކަމަށް އައްޔަން ކުރެއްވި އަބްދުﷲ ނާޒިމް އިބްރާހީމަށް ރުހުން ދެއްވާފައިވަނީ މިއަދު ބޭއްވުނު މަޖިލީހުގެ ޖަލްސާގައެވެ.
މި ތިން ވަޒީރުންނަށް ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހު ކެބިނެޓަށް ގެންނެވި ބަދަލާ ގުޅިގެންނެވެ.
އެ ބަދަލުގެ ދަށުން، ކުރިން ހާރިޖީ ވަޒީރުކަމުގައި ހުންނެވި މޫސާ ޒަމީރު މާލީ ވަޒީރުކަމަށް ބަދަލުކުރައްވައި، ކުރިން ސިއްހީ ވަޒީރުކަމުގައި ހުންނެވި ޑރ. އަބްދުﷲ ހަލީލު ހާރިޖީ ވަޒީރުކަމަށް ބަދަލުކުރެއްވިއެވެ. އަދި ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީގެ މަގަމުގައި ހުންނެވި ޢަބްދުﷲ ނާޒިމް އިބްރާހީމް ސިއްހި ވަޒީރުކަމަށް އައްޔަން ކުރެއްވިއެވެ.
ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ދިރާސާކުރެއްވީ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީންނެވެ. ކޮމިޓީން މައްސަލަ ދިރާސާކުރުމަށްފަހު ނިންމެވީ ތިން ވަޒީރުންނަށް ރުހުން ދެއްވުމަށެވެ. ކޮމިޓީގެ މެންބަރުން ފާހަގަކުރެއްވި ގޮތުގައި މި ތިން ވަޒީރުންނަކީވެސް މީގެ ކުރިން ވަޒީރުކަން ކުރައްވާފައިވާ ގާބިލު ބޭފުޅުންނެވެ.
ގާނޫނުގައިވާ ގޮތުން، ރައީސުލްޖުމްހޫރިއްޔާ ވަޒީރުންގެ މަޖިލީހަށް ބަދަލެއް ގެންނެވި ނަމަވެސް އަދި އައު ބޭފުޅަކު އައްޔަން ކުރެއްވި ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަންޖެހެއެވެ. މިއަދުގެ ޖަލްސާގައި މި ތިން ވަޒީރުންނަށް ރުހުން ދެއްވުމާއެކު، އެ ބޭފުޅުންނަށް ރަސްމީކޮށް މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގެ މަގު ވަނީ ފަހިވެފައެވެ.

