ވޯޓުގައި ބައިވެރިވެވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ 86 މެންބަރުންގެ އިއްތިފާގުން ސައުދީ ސަފީރުކަމަށް ކުރީގެ ފޮރިން ސެކެޓްރީ އަހުމަދު ސަރީރު އައްޔަނުކުރަން މަޖިލީހުން ރުހުން ދީފިއެވެ.
ރާއްޖެއިން ސައުދީ އަރަބިއްޔާއަށް ކަނޑައަޅާފައި ހުންނަ ސަފީރުގެ މަގާމު ހުސްވެފައިވަނީ، ކުރިން އެ މަގާމަށް އައްޔަންކޮށްފައިވާ މުހައްމަދު ތާހާ، ޕާކިސްތާނަށް ސަފީރަކަށް ބަދަލުކުރުމާ ގުޅިގެންނެވެ.
އަހުމަދު ސަރީރަކީ 1986 ވަނަ އަހަރުން ފެށިގެން ހާރިޖީ ދާއިރާގައި އެކި މަގާމުތައް ފުރުއްވަމުން ގެންދަވާ ތަޖުރިބާކާރު ބޭފުޅެކެވެ. އޭނާ ފޮރިން ސެކެޓްރީގެ މަގާމު އަދާކުރެއްވީ ކުރީގެ ރައީސް ޔާމީންގެ ދައުރުގައެވެ. މީގެ އިތުރުން، އދ. އަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ޕާމަނަންޓް ރެޕްރެޒެންޓޭޓިވްގެ މަގާމާއި އެމެރިކާއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމުވެސް އަދާކުރައްވާފައިވެއެވެ.
ސަރީރު މި މަގާމަށް އައްޔަނުކުރުމުގެ ކުރިން ހުންނެވީ އޮގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ އޭޝިއާ ޑިރެކްޓަރެއްގެ ގޮތުގައި ސައުދީ އަރަބިއްޔާގައެވެ.

