ސަރުކާރުގެ މައި ހޮސްޕިޓަލް އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލްގައި، އައިޖީއެމްއެޗުގައި ފާޓިލިޓީ ސެންޓަރެއް ގާއިމުކޮށް މިއަހަރުގެ ތެރޭ އައިވީއެފް ހަދަން ފެށުމަށް ނިންމައިފިއެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވަޢުދެއް ފުއްދުމަށް އަޅާ މުހިންމު ފިޔަވަޅެކެވެ.
ދަރުމަވަންތަ ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގު ހަލީމް ވިދާޅުވިގޮތުގައި، މި ފާޓިލިޓީ ސެންޓަރުގައި އައިވީއެފްއާއި އައިޔޫއައި ހެދުމަށް ބޭނުންވާ ހުރިހާ އިކުއިޕްމަންޓްތަކާއި އެކްސްޕާޓުންގެ އެހީ ލިބޭނެއެވެ. އަދި މިހާރުވެސް މި ހިދުމަތް ފެށުމަށްޓަކައި އަންހެނުންގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރުންގެ ޓީމެއް ތަމްރީން ކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ރާއްޖޭގައި ދަރިމައިވުމުގެ މައްސަލަތައް ގިނަވެފައިވާއިރު، މިހާތަނަށް މި ފަރުވާ ހޯދުމަށް ބޮޑު ޚަރަދެއްކޮށް ރާއްޖޭން ބޭރަށް ދާންޖެހުމަކީ ގިނަ ބައެއްގެ ކަންބޮޑުވުމަކަށް ވެފައިވެއެވެ. މި ޚިދުމަތް ރާއްޖޭގައި ފެށުމުން، އެތައް ބައެއްގެ އުންމީދުތައް ހާސިލުވެގެންދާނެ ކަމަށް ބެލެވެއެވެ.
ރައީސް ޑރ މުއިއްޒުގެ ވަޢުދާ އެއްގޮތަށް، މިއަހަރު 100 ދެމަފިރިއަކަށް އާސަންދަ މެދުވެރިކޮށް މި ފަރުވާ ކުރެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ. މިކަމަށް 30 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅާފައިވާ ކަމަށް އެންސްޕާއިން ހާމަކޮށްފައިވެއެވެ.
މި ފަރުވާއަށް އެދި ހުށަހެޅުމަށް ހުޅުވާލި ފުރަތަމަ ބުރުގައި 153 މީހަކު ފޯމު ހުށަހަޅާފައިވާއިރު، މީގެ ތެރެއިން ޝަރުތު ހަމަވާ 37 މީހެއްގެ ލިސްޓު މިހާރު ވަނީ އާންމުކޮށްފައެވެ.
މި ފަރުވާ ރާއްޖެއާއި ރާއްޖޭން ބޭރުންވެސް ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާއިރު، ރާއްޖޭގެ ރަށަކުން މާލެ އަންނަ ފަރާތްތަކަށާއި ރާއްޖެއިން ބޭރުން ފަރުވާ ހޯދާ ފަރާތްތަކަށް ތިބުމުގެ ޚަރަދާއި ކެއިން ބުއިމުގެ ޚަރަދު ލިބޭނެ އިންތިޒާމުވެސް ހަމަޖެހިގެންދާނެ ކަމަށް އެންސްޕާއިން ބުނެފައިވެއެވެ.
މިހާރު ރާއްޖޭގައި އައިވީއެފް ހަދައިދެނީ ހަމައެކަނި ޓްރީޓޮޕް ހޮސްޕިޓަލުގައި ކަމަށްވާއިރު، އައިޖީއެމްއެޗްގައި މި ހިދުމަތް ފެށުމުން ގިނަ ބަޔަކަށް ފަސޭހަވެގެންދާނެ ކަމަށް ބެލެވެއެވެ.

