ގއ. ވިލިނގިލި ކައުންސިލުން އެ ރަށުގެ ރަސްމީ ފާލަމުގެ ކޮންސެޕްޓް ޑިޒައިން ކުރުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލައިފިއެވެ. މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކަށް ކޮންސެޕްޓް ޑިޒައިން ހުށަހެޅުމުގެ ދަޢުވަތު ކައުންސިލުން ވަނީ ދީފައެވެ.
ކައުންސިލުން މިކަމާ ގުޅޭގޮތުން ނެރުނު އިއުލާނުގައި ބުނެފައިވާ ގޮތުގައި، ޝައުގުވެރިވާ ފަރާތްތަކުން އިއުލާނާއެކު ހިމަނާފައިވާ މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިން ކޮންސެޕްޓް ޑިޒައިން ތައްޔާރުކޮށް ހުށަހަޅަން ވާނެ އެވެ.
އެންމެ ރަނގަޅު ކޮންސެޕްޓް ޑިޒައިން ހުށަހަޅާ ފަރާތަށް ـ/5,000 (ފަސްހާސް ރުފިޔާ) ރުފިޔާގެ ފައިސާގެ އިނާމު ލިބޭނެ ކަމަށްވެސް އެ އިޢުލާނުގައި ބަޔާންކޮށްފައިވެއެވެ
ކޮންސެޕްޓް ޑިޒައިން ހުށަހެޅުމުގެ ސުންގަޑިއަކީ 2024 ނޮވެމްބަރު 14 ވާ ބުރާސްފަތި ދުވަހުގެ 13:00 ކަމަށް އިއުލާނުގައި ބަޔާންކޮށްފައިވެއެވެ. ހުށަހަޅަންޖެހޭނީ ގއ. ވިލިނގިލި ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމަށެވެ.
އިއުލާނުގައި އިތުރަށް ބަޔާންކޮށްފައިވާ ގޮތުގައި، ކޮންސެޕްޓް ޑިޒައިން ހުށަހަޅަންޖެހޭނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި ސިޓީ އުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި "ގއ. ވިލިނގިލި ރަސްމީ ފާލަމްގެ ކޮންސެޕްޓް" މިހެން ލިޔެފައި އޮންނަންވާނެއެވެ.
މިއަދު ނެރެފައިވާ މި އިއުލާނާ ބެހޭގޮތުން އިތުރު މަޢުލޫމާތު ހޯދުމަށް 6820027 ނުވަތަ 6822503 ނަންބަރު ފޯނަށް ގުޅުމަށް ކައުންސިލުން އަންގާފައިވެއެވެ.

