ކަރަންޓުގެ ޚިދުމަތްދޭ ތަންތަނުގައި އަރތު ލީކް ސަރކެޓް ބްރޭކަރ (އީއެލްސީބީ) ހަރުކޮށްފައި ހުރިކަން ކަށަވަރުކުރުމަށް މިމަހު ސަރވޭއެއް ކުރިއަށްގެން ދިޔުމަށް ހަމަޖެހިފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަނުން މިއަދު ހާމަ ކޮށްފިއެވެ
ފެނަކައިން ބުނާ ގޮތުގައި އަރތު ލީކް ސަރކެޓް ބްރޭކަރ ހަރުކުރުމަކީ ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޤަވާއިދުތަކުގައި، ސަލާމަތީ މިންގަނޑުގައި އަސާސީގޮތުން ފުރިހަމަވާންޖެހޭ ކަމެކެވެ. އެހެންކަމުން، މިމަހުގެ މީޓަރު ރީޑިންގ ނެގުމަށް ފެނަކައިގެ ފަންނީ މުވައްޒަފުން ދާއިރު އީއެލްސީބީ ހަރުކޮށްފައި ހުރިކަން ޔަޤީންކުރުމަށް ބަލާނެ ކަމަށް އެ ކުންފުނިން މަޢުލޫމާތު ދީފައިވެއެވެ.
މި ސަރވޭގައި ޢާއްމު މީހުން ދިރިއުޅޭ ގޭބިސީތަކާއި އޮފީސްތަކާއި ވިޔަފާރިކުރާ ތަންތަނުގެ އިތުރުން ޢައްމު ސަރަޙައްދުތަކުގައިވެސް ފެނަކައިގެ މުވައްޒަފުން ޙަރަކާތްތެރިވާނެ ކަމަށް ބުނެފައިވެއެވެ. އަދި މިކަމުގައި ޢާއްމުންގެ އެހީތެރިކަމާއި އެއްބާރުލުން ދެއްވުމަށް ފެނަކައިން އެދިފައިވެއެވެ.
މީގެ އިތުރުން، ފެނަކަ ކޯޕަރޭޝަނުން ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ ރަށްރަށުގެ މަގު ބައްތިތަކުގެ ސަލާމަތީ ކަންތައްތައް ހުރިގޮތް ބެލުމަށްވެސް އެ ކޯޕަރޭޝަނުން ވަނީ ޚިދުމަތްދޭ ހުރިހާ ރަށެއްގައި ހުރި މަގުބައްތިތައް އިންސްޕެކްޓްކޮށްފައެވެ. އަދި ގިނަ ރަށްތަކުގައި އީއެލްސީބީ މެދުވެރިނުކޮށް މަގުބައްތިތަކަށް ކަރަންޓް ދީފައިވާކަން ފާހަގަކޮށް، އެކަން ރަނގަޅުކުރުމަށް މުއްދަތެއްދީ، އީއެލްސީބީ ހަރުނުކުރާ މަގު ބައްތިތަކަށް ކަރަންޓު ދިނުން ހުއްޓާލާނެކަން އަންގާފައިވާ ކަމަށް ފެނަކައިން ބުނެފައިވެއެވެ.
ފެނަކަ ކޯޕަރޭޝަނުން މިހާރު 154 ރަށެއްގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެއެވެ.

