ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ދިވެއްސަކު މިސް ޔުނިވާސް މުބާރާތުގައި ބައިވެރިވާ ގޮތަށް ހަމަޖެހިއްޖެއެވެ. މި މުބާރާތުގައި ރާއްޖެ ތަމްސީލް ކުރާނީ އުމުރުން 21 އަހަރުގެ މަރިޔަމް ޝައިނާ ނަސީމެވެ.
އިންޑިއާގައި ހުންނަ މެކްސިކޯ އެމްބަސީ އިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މިސް ޔުނިވާސްގައި ވާދަކުރުމަށް ޝައިނާ އަށް ވިސާ ހަމަޖައްސައިދީފައިވާ ކަމަށެވެ. މިއީ މުބާރާތުގައި ރާއްޖެ އިން ބައިވެރިވާ ފުރަތަމަ ފަހަރު ކަމަށް ވެސް އެ ޕޯސްޓުގައި ފާހަގަކޮށްފައިވެއެވެ.
މިއަހަރުގެ މިސް ޔުނިވާސް މުބާރާތް އޮންނާނީ މެކްސިކޯގައެވެ. މި މުބާރާތް އަންނަ މަހުގެ 14 ގައި އޮންނައިރު، ފައިނަލް ޝޯ ބާއްވާނީ އޭގެ ދެ ދުވަސް ފަހުންނެވެ. މިއަހަރުގެ މިސް ޔުނިވާސް މުބާރާތުގައި 130 ގައުމަކުން ބައިވެރިވެއެވެ. މިއީ މިސް ޔުނިވާސްގެ 73 ވަނަ މުބާރާތެވެ.
މެކްސިކޯއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑިއޭގޯ ޕެރެޒް ވަނީ ޝައިނައާ ބައްދަލު ކުރައްވައި މުބާރާތުގައި ކާމިޔާބަށް އެދިވަޑައިގެންފައެވެ.

މިސް ޔުނިވާސް މުބާރާތުގައި ބައިވެރިވާ ޝައިނާ (މ)
ޝައިނާ ވަނީ 2022 ވަނަ އަހަރު ބޭއްވި ޓޮޕް މޮޑެލް މޯލްޑިވްސްގައި ބައިވެރިވެ، އެ މުބާރާތް ކާމިޔާބުކޮށްފައެވެ. އަދި މިދިޔަ އަހަރު މިސްރުގައި ބޭއްވި ޓޮޕް މޮޑެލް އޮފް ދަ ވޯލްޑް މުބާރާތުގައި ޝައިނާ ވަނީ ރާއްޖެ ތަމްސީލު ކޮށްފައެވެ.

