ދިވެހިންނެއް ހަނދާނެއް ނުނެތޭ! އަހަރެންވެސް ފަލަސްޠީނާއެކު…!
ޚިދުމަތް ޖަމްޢިއްޔާއިން ފަލަސްޠީނުގެ ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން ނޮވެމްބަރު މަހުގެ 1 އިން 3 އަށް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ފަންޑްރެއިޒިންގ އިވެންޓްތަކެއް ބޭއްވުމަށް ތައްޔާރު ވަމުންދާކަމަށް އެ ޖަމްޢިއްޔާއިން ހާމަކޮށްފިއެވެ.
މި އިވެންޓްތަކުގެ މައިގަނޑު މަޤްޞަދަކީ، ޣައްޒާގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ޙާލުގައި ޖެހިފައިވާ އެތައް ހާސް ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ. މި ފަންޑްރެއިޒިންގ އިވެންޓްތަކުގައި އަމިއްލަ ފަރުދުންނާއި ޖަމްޢިއްޔާ ޖަމާޢަތްތަކަށް ބައިވެރިވެވޭނެކަމަށް ޚިދުމަތް ޖަމްޢިއްޔާއިން ބުނެފައިވެއެވެ.
މި އިވެންޓްތައް މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ މިސްކިތްތަކުގައާއި، ރަސްފަންނު އަދި އާޓިފިޝަލް ބީޗް ސަރަޙައްދުގައި ކުރިއަށްދާނެކަމަށް ވަނީ ހާމަކޮށްފައެވެ. އަދި ރާއްޖޭގެ އެހެނިހެން ރަށްރަށަށްވެސް މި އިވެންޓަށް ބޭނުންވާ ސާމާނު، އެ ޖަމްޢިއްޔާއިން ފޯރުކޮށްދެމުންދާކަމަށް ބުނެފައިވެއެވެ.
ޣައްޒާގެ މުސްލިމުންގެ ހާލަތު މިހާރު ވަރަށް ދަށު ދަރަޖައިގައި ހުރިކަމަށް ފާހަގަކޮށް، ކާބޯތަކެއްޗާއި ބޭސްފަރުވާއަށް ބޭނުންވާ ތަކެތި ހުސްވެފައިވާކަމަށް ޚިދުމަތް ޖަމްޢިއްޔާއިން ބުނެފައިވެއެވެ.
މި ފަންޑްރެއިޒިންގ އިވެންޓާ ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް ޖަމްޢިއްޔާގެ ހޮޓްލައިން ނަންބަރު 7353339 އަށް ގުޅުމަށް އެ ޖަމްޢިއްޔާއިން އެދިފައިވެއެވެ.
ދިވެހިންނަކީ އިސްލާމީ އުއްމަތުގެ އެއްބައިވަންތަކަމާއި އެކުވެރިކަމަށް އަބަދުވެސް އަހަންމިއްޔަތުކަން ދޭ ބައެއްކަން ފާހަގަކޮށް، ފަލަސްޠީނުގެ މައްސަލައިގައި ދިވެހިން އަބަދުވެސް ސާބިތުކަމާއެކު ތިބޭނެކަމަށް ޚިދުމަތް ޖަމްޢިއްޔާއިން ބުނެފައިވެއެވެ.

