މަސްވެރިންނަށް މިހާތަނަށް ނުދެވިހުރި 16 މިލިއަން ރުފިޔާ މާދަމާގެ ނިޔަލަށް ދޫކޮށް، “ބެކްލޮގް” އެއްކޮށް “ކްލިއަރ” ކުރާނެ ކަމަށް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މިނިސްޓަރު އަހްމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ޝިޔާމް މި ވާހަކަ ވިދާޅުވީ މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. މެންބަރު ސައުދުﷲ ވަނީ މަސްވެރިންނަށް ދޫކޮށްފައިވާ ލޯނުތަކަށް ފައިސާ ނުދެއްކިވާ މައްސަލައިގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
މިނިސްޓަރު ޝިޔާމް ވިދާޅުވި ގޮތުގައި، މިހާތަނަށް މަސްވެރިންނަށް ނުދެވި ހުރީ 16.2 މިލިއަން ރުފިޔާއެވެ. އަދި މިނިސްޓްރީ އޮފް ފިނޭންސްއިން މިފްކޯއަށް މި ފައިސާ ޖަމާކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
“މާދަމާ މަސްވެރިންނާ ހިސާބަށް މިހާރު ހުރި ބެކްލޮގް އެއްކޮށް، ނޫނިއްޔާ މިހާރު މަސްވެރިންނަށް ނުދެވި އިން ފައިސާއެއް ވެއްޖިއްޔާ މަސް ބާނާފައި މަސްކިރާފައި ނުދެވި އިން ފައިސާއެއް ވެއްޖިއްޔާ މާދަމާ އާ ހިސާބަށް މަސްވެރިންނަށް ލިބިގެންދާނެ،” މިނިސްޓަރު ޝިޔާމް ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން މިފްކޯއިން ގޮތުގައި، މަސްވެރިންނަށް ދޭންޖެހޭ ފައިސާ އެ ކުންފުންޏަށް ލިބޭހާ އަވަހަކަށް ފައިސާ ދޫކުރުމުގެ މަސައްކަތް ކުރާނެ ކަމަށް ބުނެފައިވެއެވެ.
މިފްކޯއިން އެންމެ ފަހުން މަސްވެރިންނަށް ފައިސާ ދޫކޮށްފައިވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހުއެވެ. އެ ދުވަހު 17.3 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ. މިއީ އޮގަސްޓު މަހުގެ 24ގެ 24 ވަނަ ދުވަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ 26 ވަނަ ދުވަހާ ހަމައަށް ނުދެވި ހުރި ފައިސާއެވެ.
ގދ. ތިނަދޫގައި ގާއިމުކުރެވެމުންދާ ކޯލްޑް ސްޓޯރޭޖް ބޭރު ބަޔަކަށް ވިއްކާލުމަށް މަސައްކަތް ކުރަމުންދާ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅޭގޮތުން މިނިސްޓަރު ޝިޔާމް ވިދާޅުވީ، އެ ފެސިލިޓީގެ މަސައްކަތް ވަރަށް ގާތުން ބަލަމުން އަންނަ ކަމަށާއި، ކޯލްޑް ސްޓޯރޭޖް ވިއްކާލުމަށް ނުވަތަ ހިންގުމަށް ދިނުމާ މެދު އެއްވެސް ބަޔަކާ އެކު މިހާތަނަށް މަޝްވަރާ ކުރެވިފައި ނުވާ ކަމަށެވެ.

