އައްޑޫ ފިޝަރީޒް ކޮންޕްލެކްސް ތަރައްގީ ކުރުމަށް މިދިޔަ ހަފްތާގައި ފައިސާ ލިބިފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ. މިނިސްޓަރު
މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މިނިސްޓަރު ޝިޔާމް ވިދާޅުވި ގޮތުގައި، އައިއެސްޓީބީ ފަރާތުން މިފްކޯގެ ތަރައްގީއަށް ކުރަންހުރި މަސައްކަތްތަކުގެ ތެރެއިން އައްޑޫގެ ފިޝަރީޒް ކޮންޕްލެކްސް ހިމެނޭ ގޮތަށް މި މަސައްކަތް ކުރެވޭނެ ފައިސާ ހަމަޖެހިގެން ގޮސްފައިވެއެވެ. މި މަޝްރޫޢު މިއަންނަ އަހަރުގެ ކުރީކޮޅު ފެށި، 2025 ވަނަ އަހަރުގެ ފަހުކޮޅު ނުވަތަ 2026 ވަނަ އަހަރުގެ ކުރީކޮޅަށް ނިންމާލެވޭނެ ކަމަށް މިނިސްޓަރު އުންމީދު ކުރައްވައެވެ.
މި މަޝްރޫޢުގެ ދަށުން، މިހާރު 1500 ޓަނުގެ މަސް ރައްކާކުރެވޭ ކެޕޭސިޓީ އިތުރު 1000 ޓަނަށް އިތުރުކުރެވޭނެއެވެ. މީގެ އިތުރުން، 50 ޓަނުގެ ބްރައިން ފްރީޒިންގ ކެޕޭސިޓީ އިތުރު 50 ޓަނަށް އިތުރުކުރެވި، ދުވާލަކު 100 ޓަނުގެ މަސް ގަނެވޭނެ ގޮތަށް ވަސީލަތްތައް ތަރައްގީކުރެވޭނެއެވެ.
މިނިސްޓަރު ޝިޔާމް ވިދާޅުވި ގޮތުގައި، މިއީ އައްޑޫ ސިޓީގެ މަސްވެރިންގެ ތަރައްގީއަށް ގެނެވޭނެ އެންމެ މުހިންމު ތަރައްގީގެ މަޝްރޫޢެވެ. އަދި މިއީ އައްޑޫ މަސްވެރިންނަށް ލިބިގެންދާނެ އެންމެ ބޮޑު އުފަލެއް ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މަސްވެރިކަމުގެ ސިނާއަތުގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ މަސް ރައްކާކުރުމުގެ ކެޕޭސިޓީ އަދި އޭގެ އަގު އެއްކުރުމުގެ ކެޕޭސިޓީ ނެތުން ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

