މެކްސިކޯގައި ބޭއްވުމަށް ހަމަޖެހިފައިވާ “މިސް ޔުނިވާސް” މުބާރާތުގައި ރާއްޖެ ތަމްސީލްކުރުމަށް ދިވެއްސަކު ދިއުން ސަރުކާރުން ކުށްވެރިކޮށްފިއެވެ.
މި މުބާރާތުގައި ރާއްޖެ ތަމްސީލް ކުރުމަށް ހަމަޖެހިފައިވަނީ 21 އަހަރުގެ މަރިޔަމް ޝައިނާ ނަސީމެވެ.
ޔޫތު މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ދިވެހިންގެ ދީނާއި އަގީދާއާއި ސަގާފަތާ ނުގުޅޭ ހަރަކާތްތަކާއި މުބާރާތްތަކުގައި ދިވެހިން ބައިވެރިވުމަކީ ސަރުކާރުން ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ. އަދި އެފަދަ ކަންކަމަކީ ދިވެހިން ގަބޫލުކުރާ އާންމު އަހުލާގީ މިންގަނޑުތަކާއި އުސޫލުތަކާވެސް ހިލާފު ކަމެއް ކަމަށް ބުނެފައިވެއެވެ.
މިނިސްޓްރީން އިތުރަށް ބުނެފައިވަނީ، ރާއްޖެ ތަމްސީލްކުރުމުގެ ނަމުގައި އެފަދަ ހަރަކާތްތަކުގައި ދިވެއްސަކު ބައިވެރިކުރުވުމަކީ ސަރުކާރުން ކުރާނެ ކަމެއް ނޫން ކަމަށާއި، އެއީ ސަރުކާރުން ކުރުވާ ކަމެއްކަމަށް ދޭހަވާ ގޮތަށް މައުލޫމާތު ނުފެތުރުމަށް އާންމުންނަށް ގޮވާލާފައެވެ.
ޝައިނާއަކީ 2022 ވަނަ އަހަރު ބޭއްވި ޓޮޕް މޮޑެލް މޯލްޑިވްސް ކާމިޔާބުކޮށްފައިވާ ފަރާތެކެވެ. އަދި މިދިޔަ އަހަރު މިސްރުގައި ބޭއްވުނު ޓޮޕް މޮޑެލް އޮފް ދަ ވޯލްޑް މުބާރާތުގައިވެސް ޝައިނާ ވަނީ ރާއްޖެ ތަމްސީލްކޮށްފައެވެ.
މި އަހަރުގެ “މިސް ޔުނިވާސް” މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 14 ވަނަ ދުވަހުއެވެ. އަދި ފައިނަލް ޝޯ ބޭއްވުމަށް ހަމަޖެހިފައިވަނީ އޭގެ ދެ ދުވަސް ފަހުންނެވެ. މި އަހަރުގެ މުބާރާތުގައި 130 ގައުމަކުން ބައިވެރިވާ ކަމަށް ވެއެވެ.

