ބިދޭސީންނަށް އިއްޔެ 1،069 ވިސާ ވަނީ ދޫކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ހާމަކޮށްފިއެވެ.
އިމިގްރޭޝަނުން މިއަދު ހާމަކުރި މަޢުލޫމާތުގައިވާ ގޮތުން، އެއް ދުވަހެއްގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް ބިދޭސީންނަށް ވޯކް ވިސާ ދޫކުރެވިފައިވަނީ އިއްޔެއެވެ. އިމިގްރޭޝަނުން “އެކްސް” ގައި ޝާއިޢުކުރި ޕޯސްޓެއްގައި ބަޔާންކޮށްފައިވާ ގޮތުގައި އިއްޔެ އެކަނި 1،069 ވޯކް ވިސާ ދޫކުރެވިފައިވެއެވެ.
މި ރެކޯޑު އަދަދަކީ ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ކަމާ ގުޅުންހުރި އިދާރާތަކުން ކުރަމުންދާ މަސައްކަތުގެ ނަތީޖާއެއް ކަމަށް އިމިގްރޭޝަނުން ފާހަގަކޮށްފައިވެއެވެ. މި މަސައްކަތުގެ ސަބަބުން ގަވާއިދާ އެއްގޮތަށް ބިދޭސީންގެ ވިސާގެ ކަންކަން ފުރިހަމަކުރާ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށްވެސް އެ އިދާރާއިން ބުނެފައިވެއެވެ.
ވިސާ ހޯދުމަށް އަންނަ ފަރާތްތަކުގެ ޝަކުވާތަކަށް ޙައްލު ހޯދުމުގެ ގޮތުން، އިމިގްރޭޝަނުން ވަނީ މިދިޔަ މެއި މަހު އޮންލައިންކޮށް “އޭންޓް ކިއު” އެޕްލިކޭޝަން މެދުވެރިކޮށް ކިއު ނަންބަރު ދޫކުރަން ފަށާފައެވެ. މި ނިޒާމުގެ ދަށުން، ފަސް ނުވަތަ އެއަށްވުރެ މަދު ޕާސްޕޯޓާ ހަވާލުވާ ފަރާތްތަކަށް ހެނދުނު 9:00 އިން 10:30 އާ ދެމެދު ނަންބަރު ނެގޭނެއެވެ. އަދި ހަ ނުވަތަ އެއަށްވުރެ ގިނަ ޕާސްޕޯޓާ ހަވާލުވާ ފަރާތްތަކަށް މެންދުރު 11:30 އިން 12:30 އާ ދެމެދު ނަންބަރު ނެގޭނެއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން، ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅެމުން އަންނަ ބިދޭސީން ހޯދައި، އެމީހުންނާމެދު ފިޔަވަޅު އެޅުމަށް އިމިގްރޭޝަނާއި ފުލުހުންނާއި ހޯމް މިނިސްޓްރީ ގުޅިގެން ވަރުގަދަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. މި މަސައްކަތުގެ ތެރެއިން މިހާތަނަށް 4،000 އަށްވުރެ ގިނަ ބިދޭސީން ބިދޭސީން ވަނީ ޑީޕޯޓްކޮށްފައެވެ.
އިމިގްރޭޝަނުން ހިއްސާކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ އަހަރުގެ ނޮވެމްބަރު 17 އިން ފެށިގެން މިދިޔަ މަހުގެ 17 އާ ހަމައަށް، ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅުނު 4،054 ބިދޭސީން ވަނީ އަނބުރާ އެމީހު އެމީހުންގެ ޤައުމަށް ފޮނުވާލާފައެވެ.
މި މަސައްކަތަކީ ސަރުކާރަކުން މިފަދަ ބުރަ މަސައްކަތެއް ކުރި ފުރަތަމަ ފަހަރު ކަމަށްވެސް އިމިގްރޭޝަނުން ފާހަގަކޮށްފައިވެއެވެ.

