އަބްދުﷲ ޖިހާދުގެ މައްސަލަ ހައިކޯޓަން ބަލައިނުގަތުމަށް ނިންމި ނިންމުން މުރާޖަޢާކުރުމަށް ހުށަހެޅާފައިވާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.
ޕޖީން ބުނީ ޢަބްދުﷲ ޖިހާދުގެ މައްޗަށް ކުރިމިނަލް ކޯޓަށް ހުށަހެޅި ރައްޔިތުންނަށް ނުވަތަ ދައުލަތަށް ފައިދާއެއްވާން އޮތް ކަމެއްގައި އެނޫންގޮތަކަށް ޢަމަލުކުރުމުގެ މައްސަލަ ބެލޭނެތަނެއް ނެތްކަމަށް އެކޯޓުން ކަނޑައެޅުއްވުމާ ގުޅިގެން، އެ މައްސަލަ އިސްތިއުނާފުކުރުމަށް 11 އޮގަސްޓު 2024 ގައި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާނެ ކަމަށެވެ.
އެ މައްސަލަ ހައިކޯޓަށް ހުށަހެޅުމުން، އެ ކޯޓުގެ “އިޖުރާއީ ނިންމުން” އިން، އިސްތިއުނާފު ރައްދުވާ ޢަބްދުﷲ ޖިހާދަށް މައްސަލައިގެ ކޯޓަށް ހާޒިރުވުމުގެ އަމުރު ރައްދު ނުކުރެވޭކަމަށް ބަޔާންކޮށް، އޭނާ ކޯޓަށް ހާޒިރުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށްފަހު އަލުން ހުށަހެޅުމަށް 15 ދުވަހުގެ މުއްދަތެއް ދެއްވައި، މައްސަލަ އަނބުރާ އެ އޮފީހަށް ފޮނުއްވާފައިވާ ކަމަށާއި، އެ މުއްދަތުގައި ދިވެހި ފުލުހުންގެ ޚިދުމަތް މެދުވެރިކޮށް ޢަބްދުﷲ ޖިހާދު ހުރިތަނެއް ސާފުކުރިއިރު، އޭނާ ރާއްޖެއިން ބޭރަށް ގޮސްފައިވާކަމަށް މަޢުލޫމާތުދީފައިވެއެވެ.
އަދި އެ ސަބަބަށްޓަކައި، ކޯޓުން ދެއްވި މުއްދަތުގައި މައްސަލަ އަލުން ހުށަހެޅުމަށް ހުރަހެއް ކުރިމަތިވެފައިވާކަމަށް ބަޔާންކޮށް، މުއްދަތު އިތުރުކޮށްދެއްވުމަށް 3 އޮކްޓޫބަރު 2024 ގައި ދިވެހިރާއްޖޭގެ ހައިކޯޓުގައި އެދިފައިވާނެ ކަމަށެވެ.
އަދި ޢަބްދުﷲ ޖިހާދު އެނބުރި ރާއްޖެ އައިސްފައިވާކަމަށް 14 އޮކްޓޫބަރު 2024 ގައި ދިވެހި ފުލުހުންގެ ޚިދުމަތުން އެ އޮފީހަށް މަޢުލޫމާތު ދެއްވުމާ ގުޅިގެން، ޖެހިގެން އައި 15 އޮކްޓޫބަރު 2024 ގައި މައްސަލަ އަލުން ހައިކޯޓަށް ހުށަހަޅި ކަމަށެވެ.
ނަމަވެސް އެ ކޯޓުގެ ރަޖިސްޓަރގެ ނިންމުމުން މައްސަލަ ބަލައިނުގަތުމަށް 27 އޮކްޓޫބަރު 2024 ގައި ނިންމަވާފައިވާ ކަމަށްވެސް ވަނީ ބުނެފައެވެ.
ހައިކޯޓުގެ ރަޖިސްޓްރަރ ގެ ނިންމެވުމާމެދު މި އޮފީހުން ހިތްނަމަ ނުޖެހޭތީއާއި، ރަޖިސްޓްރަރގެ ނިންމެވުން ކޯޓުތަކުގެ ޤާނޫނުގެ 42 ވަނަ މާއްދާއާއި، ހައިކޯޓުގެ ގަވާއިދުގެ 29 ވަނަ މާއްދާއާ ފުށޫއަރާކަމަށް ފެންނާތީ، އެ ނިންމެވުން މުރާޖަޢާކޮށްދެއްވުން އެދި މިއަދު (30 އޮކްޓޫބަރު 2024) ގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހަޅީ ކަމަށްވެސް ބުނެފައިވެއެވެ.

