"ދިވެހިންނެއް ހަނދާނެއް ނުނެތޭ! އަހަރެންވެސް ފަލަސްތީނާއެކު" ގެ ނަމުގައި ތިން ދުވަހުގެ ފަންޑްރެއިސިންގ އިވެންޓުގެ އެންމެ ހާއްސަ ބޮޑު ހަރަކާތްތައް ތިނަދޫ ސިޓީގައި ބޭއްވުމަށް ނިންމައިފިއެވެ.
މި އިވެންޓް ބާއްވަނީ ޙައްދުފަހަނައެޅި އިޒްރާއީލުގެ ލާއިންސާނީ އަނިޔާތަކުން ގެޔާއި ގެދޮރާއި އަސާސީ ކަންކަމުން މަޙްރޫމުވެފައިވާ ފަލަސްތީނުގެ ޙާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުންނެވެ.
ޚިދުމަތް ޖަމިއްޔާއިން އިސްނަގައިގެން ރާވާފައިވާ މި ހަރަކާތް ކުރިއަށްދާނީ ނޮވެމްބަރު 1 އިން 3 އަށެވެ. މި ހަރަކާތުގައި ރާއްޖޭގެ 22 ރަށެއް ބައިވެރިވާއިރު، އޭގެ ތެރޭގައި މާލެ، ހުޅުމާލެ، ވިލިމާލެ، ތިނަދޫ، ކުޑަހުވަދޫ، ހުޅުދުއްފާރު، ފުނަދޫ އަދި ހިތަދޫ ފަދަ ރަށްތައް ހިމެނެއެވެ.
ތިނަދޫ ސިޓީގައި ބޭއްވޭ އިވެންޓް ރާވައި ހިންގަނީ އަރުތަ ޖަމިއްޔާއިންނެވެ. މި އިވެންޓުގައި "ސްވީޓް ލައިކް ސިނަމަން" ގެ ފުޑް ސްޓޯލް، "ފަލަސްތީނާއެކު" ލޯގޯ ޖެހި ޓީޝާޓް ވިއްކުން، ފައްވާރުން ފެން އެރުވުން، ޝުޢޫރުފާޅުކުރުމާއި ސެލްފީއަށް ހާއްސަ ފްރޭމް ބެހެއްޓުން ފަދަ ހަރަކާތްތައް ހިމެނެއެވެ. މީގެ އިތުރުން ނޮވެމްބަރު 1 ވާ ބުދަ ދުވަހުގެ ހުކުރު ނަމާދަށްފަހު ރަށުގެ ހުރިހާ މިސްކިތެއްގައި ފަންޑު ފޮށި ބަހައްޓާނެ ކަމަށްވެސް ވަނީ އިޢުލާނު ކޮށްފައެވެ.
ފަންޑުފޮށި ބަހައްޓާނީ މި ހުކުރު ދުވަހުކަމަށް އަދި އެވެސް ހަމައެކަނި ހުކުރު ކުރާ މިސްކިތްތަކުގައި ހުކުރު ނަމާދަށްފަހު އެކަނި ކަމަށާއި އެހެން މިސްކިތެއްގައި ނުބެހެއްޓޭނެ ކަމަށް ހިދުމަތް ޖަމިއްްޔާއިން ވަނީ ހާމަކޮށްފައެވެ.
އަދި ހުކުރު ދުވަހުގެ ފަހުން ބެހެއްޓޭނީ ތިނަދޫ ސިޓީގެ އެހެނިހެން ސަރަޙައްދުތަކުގައި ކަމަށާއި ހޮނިހިރު ދުވަހު ފެރީ ސަރަޙައްދުގައި ބަހައްޓާނެ ކަމަށް އަދި އޭގެ ފަހުން ކޮންމެ ދުވަހަކު ހަވީރު 4 އިން 6 އަށް މިއުޒިއަމް ޕާކުގައި ބެހެއްޓޭނެ ކަމަށްވެސް ބުނެފައިވެއެވެ.

ހިދުމަތް ޖަމިއްްޔާއިން ފަލަސްތީނަށް އެހީވުމަށް ފަންޑުރެއިޒިން އިވެންޓުތަކަށް ތައްޔާރު ވެފައި
މި އިވެންޓް ރާވައި ހިންގުމުގައި ތިނަދޫ ސިޓީ ކައުންސިލާއި ގިރިންދާ ޖަމިއްޔާ އަދި ތިނަދޫ ރޯވަރުންވެސް ބައިވެރިވެއެވެ. އިވެންޓުގެ މައިގަނޑު މަގުސަދަކީ ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމާއި، އެ ގައުމުގެ ރައްޔިތުންނާ އެއްބައިވަންތަކަން ދެއްކުމެވެ. މި ހަރަކާތުން ލިބޭ ފައިސާ ބޭނުންކުރެވޭނީ ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމަށެވެ.
އިވެންޓް ރާވާ ހިންގާ ފަރާތުން ވަނީ ވީހާވެސް ގިނަ ރައްޔިތުން މި ޙަރަކާތުގައި ބައިވެރިވެ، ވެވުނު މިންވަރަކުން އެހީތެރިވެ، ތިމާގެ ދީނީ ވާޖިބު އަދާކޮށްދިނުމަށް އިލްތިމާސް ކޮށްފައެވެ.

