ރާއްޖޭގެ އެއާޕޯޓުތަކުން ބޭރު ގައުމަކަށް ފުރާ ފަސިންޖަރުންގެ އަތުން ނަގަމުން އަންނަ އެއާޕޯޓު ޑިވެލޮޕްމެންޓް ފީ އާއި ޑިޕާޗާ ޓެކްސް ބޮޑުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލީހުގެ ކޮމިޓީއިން މިއަދު ފާސްކޮށްފިއެވެ.
މި ބިލަކީ ސަރުކާރުގެ ފަރާތުން މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ ޕީއެންސީގެ މެމްބަރު އަސަދުﷲ ޝިހާބު ހުށަހެޅުއްވި ބިލެކެވެ. މާލިއްޔަތު އަދި އިގްތިސާދީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީއިން މި ބިލު ދިރާސާކުރުމަށްފަހު، ރިޕޯޓު މަޖިލީހުގެ އާންމު ކޮމިޓީއަށް ފޮނުވާފައިވެއެވެ. މިއަދު ބޭއްވުނު ވޯޓުގައި، ބިލު ފާސްކުރުމަށް ފެންނަ ކަމަށް 67 މެންބަރުން ވޯޓު ދެއްވާފައިވާއިރު، ނުފެންނަ ކަމަށް 11 މެންބަރުން ވޯޓު ދެއްވާފައިވެއެވެ.
މި ބަދަލާ އެކު، އިކޮނޮމީ ކްލާހުގައި ދަތުރުކުރާ ދިވެހިންގެ އަތުން ނަގާ އަދަދަށް ބަދަލެއް ނާންނާނެއެވެ. ނަމަވެސް، ބިޒްނަސް ކްލާހުން ފެށިގެން މަތީ ކްލާސްތަކުގައި ދަތުރުކުރާ ދިވެހިންނާއި ބިދޭސީންގެ އަތުން ނަގާ ޓެކްސް ބޮޑުވާނެއެވެ. މިސާލަކަށް، ބިޒްނަސް ކްލާހުގައިހުގައި ދަތުރުކުރާ ދިވެހިންގެ އަތުން މިހާރު ނަގާ 60 ޑޮލަރު، 120 ޑޮލަރަށް ބޮޑުވާނެއެވެ.
ފިނޭންސް މިނިސްޓްރީގެ ލަފާކުރާ ގޮތުގައި، މި ބަދަލާ ގުޅިގެން އަންނަ އަހަރު ޑިޕާޗާ ޓެކްސްގެ ގޮތުގައި 762.5 މިލިއަން ރުފިޔާ އަދި އެއާޕޯޓު ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 809.8 މިލިއަން ރުފިޔާ ލިބޭނެއެވެ. އަދި 2027 ވަނަ އަހަރާ ހަމައަށް އައިއިރު، މި ދެ ބާވަތުގެ ޓެކްހުން ޖުމްލަ ދެ ބިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބޭނެ ކަމަށް ލަފާކުރެވެއެވެ.
މި ބަދަލުތައް ތަންފީޒުކުރަން ފަށާނީ އަންނަ އަހަރުގެ ޑިސެންބަރު 1 ވަނަ ދުވަހުން ފެށިގެންނެވެ. މި ބަދަލާ ގުޅިގެން އެއާޕޯޓު ޑިވެލޮޕްމަންޓް ފީ އާއި ޑިޕާޗާ ޓެކްސްގެ އަދަދުތަކަށް އަންނާނެ ބަދަލުތައް ތިރީގައި މިވަނީއެވެ:
މިހާރު ނަގަމުންދާ އަދަދުތައް:
- އިކޮނޮމީ ކްލާސް: ދިވެހިން 12 ޑޮލަރު، ބިދޭސީން 30 ޑޮލަރު
- ބިޒްނަސް ކްލާސް: ދިވެހިން 60ހިން 60 ޑޮލަރު، ބިދޭސީން 60 ޑޮލަރު
- ފަސްޓް ކްލާސް: ދިވެހިން 90 ޑޮލަރު، ބިދޭސީން 90 ޑޮލަރު
- ޕްރައިވެޓް ޖެޓް: ދިވެހިން 120 ޑޮލަރު، ބިދޭސީން 120 ޑޮލަރު
ސަރުކާރުން ގެންނަން ބޭނުންވާ ބަދަލު:
- އިކޮނޮމީ ކްލާސް: ދިވެހިން 12 ޑޮލަރު، ބިދޭސީން 50 ޑޮލަރު
- ބިޒްނަސް ކްލާސް: ދިވެހިން 120 ޑޮލަރު، ބިދޭސީން 120 ޑޮލަރު
- ފަސްޓް ކްލާސް: ދިވެހިން 240 ޑޮލަރު، ބިދޭސީން 240 ޑޮލަރު
- ޕްރައިވެޓް ޖެޓް: ދިވެހިން 480 ޑޮލަރު، ބިދޭސީން 480 ޑޮލަރު
މި ބަދަލުތަކުން އެނގޭ ގޮތުގައި، އިކޮނޮމީ ކްލާހުގައި ދަތުރުކުރާ ދިވެހިންގެ އަތުން ނަގާ އަދަދަށް ބަދަލެއް ނާންނާނެއެވެ. ނަމަވެސް، އެހެން ހުރިހާ ކްލާސްތަކެއްގައި ދަތުރުކުރާ ދިވެހިންނާއި ބިދޭސީންގެ އަތުން ނަގާ އަދަދު ބޮޑުތަނުން އިތުރުވާނެއެވެ.

