އެކި މައްސަލަތަކުގައި ތަހުގީގަށް ހައްޔަރުކޮށް ވާނުވާ ބަންދުގައި ތިބޭ މީހުންގެ މައްސަލަ ހައްލުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅާފައިވާ ކަމަށް ބަންޑާރަ ނައިބު، (އޭޖީ) އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެއެވެ. މިކަން އޭނާ ހާމަކުރެއްވީ މިއަދު ރައީސް އޮފީހުގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
އުޝާމް ވިދާޅުވި ގޮތުގައި، ވާނުވާ ބަންދުގެ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި "ބެއިލް" ނިޒާމް މިހާރަށްވުރެ ފުރިހަމަ ކުރުމަށް ގާނޫނަށް އިސްލާހުތަކެއް ހުށަހަޅާފައިވެއެވެ. މި އިސްލާހުތައް ފާސްވުމުން އެ މައްސަލައަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިގެންދާނެ ކަމަށް އޭނާ ގަބޫލުކުރައްވާ ކަމަށް ވިދާޅުވިއެވެ.
އުޝާމް އިތުރަށް ހާމަކުރެއްވި ގޮތުގައި، ވާނުވާ ބަންދުގައި ތިބޭ ގިނަ މީހުންނަކީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުން، ޓެރަރިޒަމް، ބޮޑެތި މާރާމާރީ، މީހުން މެރުން އަދި މަސްތުވާތަކެތި އެތެރެކުރުން ފަދަ ބޮޑެތި ކުށްތަކުގެ ތުހުމަތުގައި ތިބޭ މީހުންނެވެ. މިކަން ފާހަގަކުރެވިފައިވަނީ ފުލުހުންނާއި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާ އެކު ކުރެވުނު މަސައްކަތުންނެވެ.

