ރާއްޖޭގައި އޮންލައިންކޮށް ޖުވާކުޅުން ނުވަތަ ބެޓިން މައްސަލަ އިތުރުވަމުން ދިއުމާ ގުޅިގެން، މިކަން ހުއްޓުވުމަށްޓަކައި ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުން ނިންމައިފިއެވެ.
މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ބަންޑާރަ ނައިބު އުޝާމް ވިދާޅުވި ގޮތުގައި، ޖުވާކުޅުން ވަރަށް ބޮޑަށް އިތުރުވެފައިވާ ހިނދު، މިކަން ހުއްޓުވޭނީ ގާނޫނުތަކަށް އިސްލާހު ގެނައުމުން ކަމަށެވެ.
“އެކަން ހުއްޓުވުމަށްޓަކައި ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް އަޅުގަނޑުމެން ގެންނާނަން،” ބަންޑާރަ ނައިބު ވިދާޅުވިއެވެ.
ރާއްޖޭގައި ޖުވާ ކުޅުމަށް ކެސީނޯތަކެއް ނެތުމާއި، ގާނޫނީ ގޮތުން ކެސީނޯތައް ހިންގުން މަނާވެފައިވީ ނަމަވެސް، ފަހަކަށް އައިސް އޮންލައިންކޮށް ޖުވާކުޅުމުގެ މައްސަލަ ވަނީ ބޮޑުވެފައެވެ. ޒުވާނުންގެ އިތުރުން ފުރާވަރަށް އަރައިގެން އަންނަ ކުދިންގެ މެދުގައި ބެޓް ކުރުމާއި ޖުވާ ސައިޓްތައް އާއްމުވެފައިވާއިރު، ބައެއް ފަރާތްތަކުން ގެންދަނީ އޭގެން ފައިސާވެސް ހޯދަމުންނެވެ.
ޖުވާ ކުޅޭ ސައިޓުތައް ބްލޮކްކުރި ނަމަވެސް، އެކަމަށް ފުރިހަމަ ހައްލެއް ލިބިފައިނުވާކަން ފާހަގަ ކުރެވެއެވެ.
މި މައްސަލައިގެ ސީރިއަސްކަން ފާހަގަކޮށް، މި މަހުގެ ހުކުރު ހުތުބާގައިވެސް ވަނީ އޮންލައިން ޖުވާކުޅުމުގެ ނުރައްކާތެރިކަމާ ބެހޭގޮތުން އާންމުން ހޭލުންތެރިކުރުވާފައެވެ.
މި އިސްލާހުތައް ގެނައުމުން، އޮންލައިން ޖުވާކުޅުމުގެ މައްސަލައަށް ހައްލެއް ލިބި، މުޖުތަމަޢުގެ ރައްކާތެރިކަން އިތުރުވާނެ ކަމަށް ސަރުކާރުން އުންމީދުކުރެއެވެ. އަދި މި ކަމާ ގުޅޭ އިތުރު މަޢުލޫމާތު ކުރިއަށް އޮތް ދުވަސްތަކުގައި ހާމަކުރާނެ ކަމަށް ބަންޑާރަ ނައިބު ވިދާޅުވިއެވެ.

