ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ 2024 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރގެ މާލީ ހިސާބުތައް ދައްކާގޮތުން، ކުންފުނީގެ ވިޔަފާރި ރަނގަޅުވެ، ކުރީގެ ކުއާޓަރާ އަޅާބަލާއިރު 3 އިންސައްތައިގެ ކުރިއެރުމެއް ލިބިއްޖެއެވެ. މި މުއްދަތުގައި އެސްޓީއޯ އިން ވަނީ ސާފު ފައިދާގެ ގޮތުގައި 156 މިލިއަން ރުފިޔާ ހޯދާފައެވެ.
އެސްޓީއޯގެ ވެބްސައިޓްގައި 30 އޮކްޓޯބަރ 2024 ގައި ޢާންމުކުރެވުނު ހިސާބުތަކުން ދައްކާގޮތުގައި، މި ކުއާޓަރގެ ޖުމްލަ އާމްދަނީގެ ގޮތުގައި 3.6 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ ކުރީ ކުއާޓަރާ އަޅާބަލާއިރު 3 އިންސައްތައިގެ ކުރިއެރުމެކެވެ. މި ކުރިއެރުން ހޯދިފައިވަނީ ކުންފުނިން ކުރަމުންދާ ވިޔަފާރިތައް ރަނގަޅުވެފައިވުމުގެ ސަބަބުންނެވެ.
އާމްދަނީ އިތުރުވުމާއެކު، ޖުމްލަ ފައިދާގެ ގޮތުގައި 592 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ ކުރީ ކުއާޓަރާ އަޅާބަލާއިރު 15 އިންސައްތައިގެ ކުރިއެރުމެކެވެ. ކުންފުނީގެ ޕްރޮވިޝަންސް އިތުރުވުމާއެކު ޚަރަދުތައް އިތުރުވި ނަމަވެސް، ޖުމްލަ ފައިދާ އިތުރުވުމުގެ ސަބަބުން މި ކުއާޓަރގެ ހިންގުމުގެ ފައިދާގެ ގޮތުގައި 251 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ ކުރީ ކުއާޓަރާ އަޅާބަލާއިރު 23 އިންސައްތައިގެ ކުރިއެރުމެކެވެ.
ޓެކްސް ކެނޑުމުގެ ކުރިން މި ކުއާޓަރގެ ސާފު ފައިދާއަކީ 198 މިލިއަން ރުފިޔާއެވެ. މިއީ ކުރީ ކުއާޓަރާ އަޅާބަލާއިރު 12 އިންސައްތައިގެ ކުރިއެރުމެކެވެ. ޓެކްސް ކެނޑުމަށްފަހު، މި ކުއާޓަރގެ ސާފު ފައިދާގެ ގޮތުގައި 156 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.
މި ނަތީޖާތަކުން ދައްކާގޮތުގައި، އެސްޓީއޯގެ ވިޔަފާރި ހަރަކާތްތައް ރަނގަޅުވެ، ކުންފުނީގެ މާލީ ޙާލަތު ވަނީ ކުރިއަރާފައެވެ. ކުންފުނިން ކުރަމުންދާ ވިޔަފާރިތައް ހަރުދަނާކޮށް، ފައިދާ އިތުރުކުރުމަށް ކުރެވުނު މަސައްކަތްތަކުގެ ނަތީޖާ މި ހިސާބުތަކުން ފެންނަން އެބަހުއްޓެވެ.

