އަންހެނަކުވިޔަސް، ފިރިހެނަކުވިޔަސް ﷲ ނުރުއްސަވާ ކަމަކުން ތިމާއަށްވެސް ގައުމަށްވެސް ލިބޭނެ ހަގީގީ ރީތިނަމެއް، ކާމިޔާބީއެއް ނެތް ތިމާއަށް ނުވަތަ ތިމާގެ ދިނާއި ގައުމަށް ލިބޭނެ ހަގީގީ ރީތި ނަމެއް، އުފަލެއް، ކާމިޔާބީއެއް ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ މުއިއްޒު މިފަދައިން ވިދާޅުވެފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރާއްޖޭގެ ދިވެއްސަކު މިސް ޔުނިވަރސް މުބާރާތުގައި ބައިވެރިވުމާ ގުޅިގެން ސަރުކާރުން އެކަން ކުށްވެރިކޮށް ބައިވެރިނުވުމަށް ގޮވާލުމާ ގުޅިގެން ސޯޝަލް މީޑިއާގައި ވަނީ ޖިންސުގެ ތަފާތުކުރުމެއް ކަމަށް ބުނެ ބަހުސް ކޮށްފައެވެ.
ރައީސް ޑރ މުއިއްޒުގެ މި ބަސްފުޅާ އެއްގޮތަށް، މިނިސްޓްރީ އޮފް ޔޫތު އެމްޕަވަމެންޓް، އިންފޮމޭޝަން އެންޑް އާޓްސްއިން ވެސް ވަނީ މިސް ޔުނިވަރސް މުބާރާތުގައި ދިވެއްސަކު ބައިވެރިވުން ކުށްވެރިކޮށްފައެވެ. އެ މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ ދިވެހީންގެ ދީނާއި އާދަކާދައާއި ސަގާފަތާ ނުގުޅޭ ހަރަކާތްތަކުގައި ދިވެހީން ބައިވެރިވުމަކީ ސަރުކާރުން ބަލައިގަންނަ ކަމެއް ނޫން ކަމަށެވެ.
އެހެންނަމަވެސް، ދަ ޑިމޮކްރެޓްސް ޕާޓީން ނެރުނު ބަޔާނުގައި ވަނީ މި މައްސަލައާ މެދު ތަފާތު ނަޒަރަކުން ބަލާފައެވެ. އެ ޕާޓީން ބުނެފައިވަނީ ދިވެހިރާއްޖޭގެ ތާރީހުގައި އަންހެނުންނަށް ބާރުވެރިކަން ލިބިދީފައިވާ ކަމަށާއި، ރައީސް މުހައްމަދު އަމީނުގެ ވެރިކަމުގައި އަލުން އަންހެނުން ކުރިއަށް ނެރުއްވަން ފެށްޓެވި ކަމަށެވެ. އަދި ފިރިހެނުންނަށް އޮންނަ ކޮންމެ ފުރުސަތެއް އަންހެނުންނަށް ވެސް ލިބެންޖެހޭ ކަމަށް އެ ޕާޓީން ބުނެފައިވެއެވެ.
މިސް ޔުނިވަރސް މުބާރާތުގައި ބައިވެރިވާ ޝައިނާއަކީ 2022 ވަނަ އަހަރު ބޭއްވި ޓޮޕް މޮޑެލް މޯލްޑިވްސް މުބާރާތް ކާމިޔާބުކުރި ފަރާތެވެ. އަދި މިދިޔަ އަހަރު މިސްރުގައި ބޭއްވުނު ޓޮޕް މޮޑެލް އޮފް ދަ ވޯލްޑް މުބާރާތުގައި ވެސް ޝައިނާ ވަނީ ރާއްޖެ ތަމްސީލުކޮށްފައެވެ. މިއަހަރުގެ މިސް ޔުނިވަރސް މުބާރާތް އޮންނާނީ މެކްސިކޯގައެވެ. މި މުބާރާތުގެ ފައިނަލް ޝޯ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 16 ވަނަ ދުވަހުއެވެ.
މި މައްސަލައާ ގުޅިގެން ދިވެހި މުޖުތަމައުގައި ދެބަސްވުންތަކެއް އުފެދިފައިވާއިރު، ސަރުކާރުން ވަނީ މިސް ޔުނިވަރސް މުބާރާތުގައި ދިވެއްސަކު ބައިވެރިވުމާ ދެކޮޅު ހަރުކަށި ސިޔާސަތެއް ގެންގުޅޭ ކަމަށް ހާމަކޮށްފައެވެ. އަދި އެ މުބާރާތުގައި ބައިވެރިވުމަށް އެއްވެސް އެއްބާރުލުމެއް ސަރުކާރުން ނުދޭ ކަމަށާއި، މުބާރާތުގައި ބައިވެރިނުވުމަށް ގޮވާލާފައިވެއެވެ.
ރައީސް ޑރ މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓުގައި އެމަނިކުފާނުގެ ބަސްފުޅަށް ބާރު ލިބޭފަދައިން ކީރިތި ޤުރުއާނުން ދަލީލު ހާމަކުރައްވާފައިވެއެވެ..

