އިންޑިއާއިން ފަލަސްތީނަށް 30 ޓަނުގެ ސިއްހީ ތަކެތީގެ އެހީއެއް ފޮނުވައިފިއެވެ.
މި އެހީގައި ހިމެނެނީ ކޮންމެހެން ބޭނުންވާ ބޭހުގެ ބާވަތްތަކާއި ކެންސަރު ބަލީގެ މީހުންނަށް ބޭނުންވާ ބޭހުގެ ބާވަތްތައްކަމަށް އިންޑިއާގެ ޚާރިޖިއްޔާއިން މަޢުލޫމާތު ދީފައިވެއެވެ.
މީގެ އިތުރުން، މިދިޔަ ހަފްތާގައި އިންޑިއާއިން ވަނީ ފަލަސްތީނުގެ ރައްޔިތުންނަށް އެހީވާ އދގެ ޖަމްއިއްޔާ އަންރުވާ އަށް 30 ޓަނުގެ ބޭހާއި ކާބޯތަކެތީގެ އެހީއެއްވެސް ފޮނުވާފައެވެ. އަދި މިދިޔަ ޖުލައި މަހު އަންރުވާއަށް 2.5 މިލިއަން ޑޮލަރުގެ މާލީ އެހީއެއްވެސް ފޯރުކޮށްދީފައިވާކަމަށް އިންޑިއާއިން ބުނެފައިވެއެވެ.
މި އެހީ ފޮނުވަނީ އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ޢުދުވާނީ ހަމަލާތަކުގެ ސަބަބުން ފަލަސްތީނުގެ ޣައްޒާގައި އިންސާނީ ކާރިސާއެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައެވެ. އދ އިން ބުނާ ގޮތުގައި މިހާތަނަށް ކުޑަކުދިންނާއި އަންހެނުން ހިމެނޭ ގޮތަށް 40,000 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން ވަނީ ޝަހީދުކޮށްލާފައެވެ.
އެތައް ހާސް ބަޔަކު ބަނޑުހައިހޫނުކަމުގައި ތިބިއިރު، އެ ސަރަހައްދުގެ ރައްޔިތުންނަށް ބޭނުންވާ އިންސާނީ އަސާސީ ޚިދުމަތްތައް އިސްރާއީލުން ވަނީ ކަނޑާލާފައެވެ. އަދި ޣައްޒާއަށް އެހީގެ ތަކެތި ވެއްދުމަށް އދ އަށްވެސް އިސްރާއީލުން ހުރަސް އަޅަމުންދާކަމަށް ވަނީ ރިޕޯޓުކުރެވިފައެވެ.
ބައިނަލްއަގްވާމީ މުޖުތަމަޢުން މި ހަނގުރާމަ ހުއްޓުވުމަށް، އިސްރާއީލުގެ ޢަމަލުތައް ކުށްވެރިކުރުން ފިޔަވައި މި ގަތުލުއާއްމު ހުއްޓުވުމަށް އިތުރު ފިޔަވަޅުތަކެއް އަޅާފައިނުވާކަން ވަނީ ފާހަގަކުރެވިފައެވެ.

