ހިތްތަކަށް އަސަރުކުރުވާ ފަދަ، ފަލަސްޠީނުގެ ހިތްދަތި މަންޒަރުތަކާއެކު ފެނިގެންދިޔަ، މޫސާ ޝިފާއުގެ މަދަހަ "ކަލަކުވޭ ބިރުވެތިވޭ"ގެ އޮފިޝަލް ވީޑިއޯ އިއްޔެ ނެރެފިއެވެ. މި މަދަހައިގެ ވީޑިއޯ (ކަލަކުވޭ ބިރުވެތިވޭ) ނެރެފައިވަނީ އިސްލާމިކް ރިދަމް ޔޫޓިޔުބް ޗެނަލްގައެވެ.
މި މަދަހަ އަކީ ވަރަށް ގިނަ މީހުންގެ މެދުގައި މަގުބޫލު ކަމެއް ލިބުނު މަދަހައަކަށް ވާއިރު، މަދަހައިގެ ވީޑިއޯ އެއް ނެރެފައި މިވަނީ، ގިނަ ބައެއްގެ އެދުމުގެ މަތީން ކަމަށް ޝިފާޢު ވަނީ ބުނެފައެވެ. އަދި މިކަން ހަގީގަތަކަށް ހެދުމަށް އިންޓަނޭޝަނަލް އެއިޑް ކެންޕެއިނާއި އިސްލާމިކް ރިދަމް އިން ވެދިން އެހީއަށް އޭނާ ވަނީ ޚާއްސަ ޝުކުރެއް އަދާކޮށްފައެވެ.
މި މަދަހައިގެ ވީޑިއޯގައި، ތަފާތު ގްރެފިކް އެނިމޭޝަން ބޭނުން ކޮށްގެން ފަލަސްތީނުގެ ބިމުން، ފެންނަމުންދާ ހިތްދަތި އަދި ބިރުވެރި މަންޒަރުތައް ދައްކުވައިދީފައިވެއެވެ.
"ކަލަކުވޭ ބިރުވެތިވޭ" މަދަހައިގެ ވީޑިއޯ ނެރެފައި މިވަނީ، އައްޝައިޚް ޑރ އާދަމް ޝަމީމް "ކަލަކުވޭ ބިރުވެތިވޭ" ނަމުގައި ދަރުސެއް ދެއްވުމަށް ތައްޔާރު ވެފައިވާ ދަނޑިވަޅެއްގައެވެ. މި ދަރުސް އޮންނާނީ ހޮނިހިރު ދުވަހުގެރޭ 08:45 ގައި، ހުޅުމާލޭގެ ރުއްގަނޑު 2 ސަރަހައްދުގައެވެ.
މި ދަރުސް ޓީ.ވީ.އެމް، ދާރިސް ޓީ.ވީ އަދި އަލްޢަޞްރުގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް ލައިވްކޮށް ދައްކާނެއެވެ. އަދި ދަރުހަށް ހާޒިރުވެ ދަރުސް ނިމެންދެން މަޑުކުރާ ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތުން ހޮވޭ ފަރާތަކަށް އައިފޯން 16 ޕްރޯ މެކްސްއެއް ހަދިޔާ ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މި ގުރުއަތުގައި ބައިވެރިވުމަށް ޝަރުތު ހަމަވާނީ ދަރުހަށް ހާޒިރުވެ ރަޖިސްޓްރީކުރާ ފަރާތްތައް ކަމުން ވީހާވެސް ގިނަ ފަރާތްތަކުން ދަރުހަށް އައުމަށް އަލް-ޢަޞްރުން ވަނީ ދަޢުވަތު ދީފައެވެ.

