ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަކީ ނޫސްވެރިންނަށް ދުލާއި، ގަލަމުގެ މިނިވަންކަން ފުރިހަމައަށް ދޭނެ ސަރުކާރެއް ކަަމަށް ނައިބު ރައީސް އަލްއުސްތާޒު ޙުސައިން މުޙައްމަދު ލަޠީފް ރޭ ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް މިހެން ވިދާޅުވީ ރޭ ބޭއްވި މޯލްޑިވްސް މީޑިއާ ކައުންސިލުގެ 11 ވަނަ ނޫސްވެރިކަމުގެ އެވޯޑް ހަފުލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.
އެމަނިކުފާނު ވިދާޅުވީ މީޑިއާއާއި ނޫސްވެރިން ބާރުވެރިކޮށް، އެހީތެރިކަން ފޯރުކޮށްދީ މި ދާއިރާ ކުރިއެރުވުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ވަރަށް ޚާއްސަ އިސްކަމެއްދޭ ކަމެއް ކަމަށެވެ. އެގޮތުން މިޑިއާ ބާރުވެރިކޮށް ކުރިއެރުވުމަށް، ”ދިވެހީންގެ ރާއްޖެ” މެނިފެސްޓޯގައި ހިމަނާފައިވާ ކަންކަން ހާސިލުކުރުމަށްޓަކައި ކަމާ ގުޅޭ މުވައްސަސާތަކުން ބާރު ދުވެލީގައި މަސައްކަތްކުރަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ނައިބު ރައީސްގެ ވާހަކަފުޅުގައި ވަނީ އާޓިފިޝަލް އިންޓެލިޖަންސާއި، އެ ނޫން ވެސް ފަންނިއްޔާތުގެ މަންސަތަކުން ހޯދާ މައުލޫމާތުގެ ސައްހަކަން ކަށަވަރުކޮށް، މީޒާން ހަމަކޮށް، ޒިންމާދާރުކަމާއި ތެދުވެރިކަމާއެކު ޒިންމާ އަދާކުރުމަށް ނޫސްވެރިންނަށް އިލްތިމާސް ކުރައްވައިފައެވެ.
މީގެއިތުރުން ކުށެއް ނެތް ސާފު ދިވެހިބަހުން ލިޔެ، ވާހަކަދައްކައި ހެދުމަށް، މީޑިޔާ މެދުވެރިކޮށް ރައްޔިތުންނަށް ހިތްވަރުދިނުމަށް ވެސް ނޫސްވެރިންނަށް އިލްތިމާސް ކުރައްވައިފައެވެ.

