ރ.ރަސްގެތީމު ގެއަކުން ގިނަ އަދަދެއްގެ ޑްރަގް ހޯދައި މީހަކު ހައްޔަރުކޮށްފިއެވެ.
މަސްތުވާތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، ވިޔަފާރި ކުރުމާއި، ޓްރެފިކް ކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ރަސްގެތީމަށް ނިސްބަތްވާ 31 އަހަރުގެ ފިރިހެނެކެވެ.
ކޯޓު އަމުރެއްގެ ދަށުން، އޭނާ ދިރިއުޅޭ ގެ ބަލައި ފާސްކުރިއިރު، އޭނާ ދިރިއުޅޭ ކޮޓަރީގައި ހުރި ޑަސްބިނެއްގެ ތެރެއިން މަސްތުވާތަކެތި ހުރިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 4 ޖޫސްޕެޓީ ކޮތަޅާއި، އެއް ރަބަރު ޕެކެޓުގެ އިތުރުން ހުސް ރަބަރު ޕެކެޓުތަކަކާއި ގިނަ އަދަދެއްގެ ފައިސާ ފެނިފައިވެއެވެ. އަދި ފެނިފައިވާ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހީގެ ވަގުތީ ބަރުދަނުގައި 68 ގްރާމް ހުރިއެވެ.
އޭނާގެ ބޭންކް ސްޓޭޓްމަންޓުން އެނގޭ ގޮތުގައި އޭނާގެ ބޭންކް އެކައުންޓުން 01 މެއި 2024 އިން 28 އޮގަސްޓް 2024 އަށް 700,000 ރުުފިޔާއަށްވުރެ ގިނަ ރުފިޔާ ދައުރުވެފައިވާކަން އެނގެއެވެ. އަދި މި ސްޓޭޓްމަންޓަށް ބެލުމުން މަސްތުވާތަކެތީގެ ވިޔަފާރިއާ ގުޅޭ މުއާމަލާތްތަކެއް ހުރިކަމަށް ދެކޭކަމަަށް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލާގައި އޭނާގެ ބަންދާމެދު ގޮތެއް ނިންމަން އުނގޫފާރު ކޯޓަށް ހާޒިރުކުރުމުން 30 ދުވަހަށް ބަންދުކުރަން ވަނީ އަމުރުކޮށްފައެވެ. އޭނާގެ ބަންދުގެ މުއްދަތު ހަމަވާނީ ނޮވެމްބަރު 15 ގައެވެ.

