ހުވަދު އަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ ރާވެރިޔާ ވޮލީ މުބާރާތުގައި ޖުމްލަ 15 ޓީމް ބައިވެރިވެއްޖެއެވެ.
ރާވެރިޔާ ވޮލީ މުބާރާތަކީ ޒަމާންވީ ފޯރިގަދަ މުބާރާތެކެވެ. ފުރަތަމަ ގއ ގެ ރަށްތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ މުބާރާތް މި ފަހަރު ވަނީ ދެކުނުގެ 4 އަތޮޅަކަށް ހުޅުވާލާފައެވެ. ގއ، ގދ، ސ، އަދި ފުވައްމުލަކު ސިޓީގެ ޓީމްތަކަށް ވެސް ވަނީ ފުރުސަތު ހުޅުވާލާފައެވެ.
މުބާރާތުގެ ބައިވެރިވުމުގެ ފުރުސަތު އިއްޔެގެ ނިޔަލަށް ހަމަވިއިރު މުބާރާތުގައި ޖުމްލަ 15 ޓީމަކުން ވަނީ ބައިވެރިވެފައެވެ. އެއީ އަންހެން ޑިވިޝަންގެ 7 ޓީމާއި ފިރިހެން ޑިވިޝަންގެ 8 އަށްޓީމެވެ.
މުބާރާތުގެ ފިރިހެން ޑިވިޝަންގެ ބައިވެރިވެފައިވާ ޓީމްތަކަކީ ބޮން ބޮން ސްޕޯޓްސް ކުލަބު، ދާންދޫ ސްޕޯޓްސް ކުލަބު، ގެމަނަފުށި ވޮލީބޯލް ކުލަބު، ކަނޑުހުޅުދޫ ފިރިހެން ވޮލީޓީމް، ކޮނޑޭ ވޮލީ ކުލަބު، ޓޮޕް ބްރަދާސް، ވިލިގިނލި ވޮލީބޯލް ކުލަބުގެ އިތުރުން ކެޕިޓަލް ސިޓީއެވެ.
މުބާރާތުގެ އަންހެން ޑިވިޝަންގެ ޓީމްތަކަކީ އެންމެ ފަހުގެ ޗެމްޕިއަން ކަނޑުހުޅުދޫ ވޮލީ ޓީމް އަދި ރަނަރަޕް ގެމަނަފުށި ވޮލީބޯލް ކުލަބު، ބޮން ބޮން ސްޕޯޓްސް ކުލަބު، ޓޮޕް ބްރަދާސް، ވިލިގިނލި ވޮލީބޯލް ކުލަބު، ކޮނޑޭ ވޮލީ ކުލަބުގެ އިތުރުން މާމެންދޫ އަންހެން ވޮލީ ޓީމެވެ.
2022 އަހަރު މި މުބާރާތުގައި ޖުމްލަ 11 ޓީމް ބައިވެރިވިއެވެ. އެއީ ފިރިހެން 4 ޓީމްގެ އިތުރުން އަންހެން 7 ޓީމެވެ. 2023 ވަނަ އަހަރު މުބާރާތުގައި 13 ޓީމްއަކުން ބައިވެރިވި އިރު އަންހެން 6 ޓީމް އަދި ފިރިހެން 7 ޓީމް ބައިވެރިވެފައިވެއެވެ. މިދިޔަ އަހަރުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަނުންނަކީ ކަނޑުހުޅުދޫ އަންހެން ވޮލީބޯލަ ޓީމެވެ. ފިރިހެން ޗެމްޕިއަނުންނަކީ ބޮން ބޮން ސްޕޯޓްސް ކުލަބެވެ.
2022 ވަނަ އަހަރު މިމުބާރާތުގެ ފިރިހެން ޑިވިޝަން ޗެމްޕިއަންކަން ބޮން ބޮން ސްޕޯޓްސް ކުލަބު ހޯދިއިރު އަންހެން ޑިވިޝަން ޗެމްޕިއަން ޓީމަކީ ގެމަނަފުށި ވޮލީބޯލަ ޓީމެވެ.
މުބާރާތަަށް ހުރިހާ ޓީމްތަކުން ފޯރިއާއިއެކު ޕްރެކްޓިސް ކުރަމުންދާއިރު، މިމުބާރާތް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ އަންހެން އަދި ފިރިހެން ދެ ޑިވިޝަނަށް ބަހާލައިގެންނެވެ. އަދި ކޮންމެ ޑިވިޝަނެއްގެ ޗެމްޕިއަން ޓީމަށް 20,000/- (ވިހިހާސް) ރުފިޔާގެ އަދި ކޮންމެ ޑިވިޝަނެއްގެ ރަނަރަޕް ޓީމަށް 10,000 (ދިހަހާސް) ރުފިޔާގެ ފައިސާގެ އިނާމް ދިނުމަށްވަނީ ހަމަޖެހިފައެވެ.
މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ހުވަދޫ މީޑިއާއެވެ.

