އައްޑޫ ސިޓީގައި އަޅާފައިވާ ފިޔަވަޅުތަކަށް ބޮޑެތި ލުއިތަކެއް ދިނުމަށް އައްޑޫ އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ނިންމައިފިއެވެ.
އައްޑޫ ސިޓީގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދޭން ނިންމާފައިވާކަން އިއުލާނުކޮށްފައިވަނީ ރޭ އައްޑޫ އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
މިބައްދަލުވުމުގައި އައްޑޫ ސިޓީގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ޝުއާއު ވިދާޅުވީ މިއަދުން ފެށިގެން ހެނދުނު 08:00 އިން އިރުއޮއްސި 06:00 ޖެހުމާ ހަމައަށް ހޮޓާތަކާ، ރެސްޓޯރެންޓްތައް އަދި ކާބޯތަކެތި ވިއްކާ ތަންތަނުގެ ތެރޭގައި ތިބިގެން ކެއިން ބުއިމުގެ ހިދުމަތް ހޯދޭނެ ކަމަށެވެ. އަދި ރޭގަނޑު 10 ޖެހުމާ ހަމައަށް ހޮޓާ ރެސްޓޯރަންޓް ތަކުން ޑެލިވަރީގެ ހިދުމަތް ދެވޭ ގޮތަށް ބަދަލު ގެނެސްފައިވާ ކަމަށް ވެސް ޝުއާއު ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން މިއަދުން ފެށިގެން ސެލޫންތަކާއި، ޖިމްތަކާއި ބޯކޮށާ ތަންތަނުގެ ހިދުމަތްވެސް ހެނދުނު 08:00 އިން އިރުއޮއްސި 06:00 ޖެހުމާ ހަމައަށް ދެވޭނެއެވެ. އަދި ހަވީރު 03:00 އިން އިރުއޮއްސި 06:00 ޖެހުމާ ހަމައަށް ކުޅިވަރު ކުޅޭ މައިދާންތައް ވެސް ހުޅުވޭ ގޮތަށް ވަނީ ހަމަ ޖައްސާފައެވެ.
ހަމައެއާއެކު ރޭ ފަތިސް ނަމާދުން ފެށިގެން ހިތަދޫގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުމުގެ ހުއްދަ ވެސް ވަނީ ދީފައެވެ.

