ސައްހަ ނޫން ފައިސާއިން މުއާމަލާތްކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ ފުލުހުންނަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން އޮކްޓޫބަރު 29 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައިވަނީ ތ. ތިމަރަފުށި / ސަލްވާ، ޢާއިޝަތު ޝިޒުނީ (25އ) އާއި ސ. ހިތަދޫ / އަތަމާވިލާ، މަޢުޒޫ މުޙައްމަދު (29އ) ކަމަށެވެ.
މާލޭގައި ހިންގި މި އޮޕަރޭޝަނުގައި އެ ދެމީހުން ހައްޔަރުކޮށް، ބަލައި ފާސްކުރިއިރު 500 ރުފިޔާގެ ސައްހަ ނޫން 24 ނޫޓު ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން އެ ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 30 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.
ފުލުހުން ގެންދަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.

