500 ރުފިޔާގެ ސައްހަ ނޫން ނޫޓުތަކެއް ދައުރުވަމުންދާތީ އެކަމަށް ސަމާލުވުމަށް ފުލުހުންގެ ޚިދުމަތުން މިއަދު އެދިއްޖެއެވެ.
ފުލުހުންގެ ޚިދުމަތުން އާންމުކުރި ޚަބަރެއްގައި ބުނެފައިވަނީ ފަހަކަށްއައިސް އާދައިގެ ކަރުދާހަށް ޕްރިންޓުކޮށްފައި ހުންނަ 500 ރުފިޔާގެ ސައްހަ ނޫން ނޫޓު ދައުރުވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އެހެންކަމުން ވިޔަފާރީގެ މުއާމަލާތްތަކާއި، ފައިސާގެ މުއާމަލާތްތައް ކުރުމުގައި ދިވެހި ރުފިޔާގެ ތަފާތު ނޫޓުތަކުގައި ހުންނަ ސެކިއުރިޓީ ފީޗާސްތައް ހުރިތޯ ބެލުމަށާއި، ފައިސާ ޕްރިންޓުކޮށްފައިވާ ކަރުދާހުގެ ކޮލިޓީ ބެލުންފަދަ ކަންކަމަށް ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
މިފަދަ މައްސަލައެއް ދިމާވެއްޖެނަމަ ލަސްނުކޮށް ފުލުހުންނަށް ރިޕޯޓުކުރުމަށް ވެސް ވަނީ އެދިފައެވެ.
މި މަހުގެ 29 ވަނަ ދުވަހު ފުލުހުން ވަނީ 500 ރުފިޔާގެ ސައްހަ ނޫން 24 ނޫޓާއެކު ދިވެހި އަންހެނަކާއި، ފިރިހެނަކު ހައްޔަރުކޮށްފައެވެ.

