މި ފެށޭ 2025 ވަނަ އަހަރަށް ލަފާކޮށް 56.6 ބިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 96 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން، 2025 ވަނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓު ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރ އޮފް ފިނޭންސް މޫސާ ޒަމީރެވެ.
އަންނަ އަހަރަށް ލަފާކުރާ ބަޖެޓަށް ހިލޭ އެހީއާއި އާމްދަނީގެ ގޮތުގައި 39.8 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައިވެއެވެ.
ޚަރަދުތައް ހުންނާނެ ކަމަށް ލަފާކޮށްފައިވަނީ 51 ބިލިއަން ރުފިޔާގައެވެ. އެއީ 9.4 ބިލިއަން ރުފިޔާގެ ޑެފިސިޓެކެވެ. މިއީ ފަހުގެ ތާރީޚެއްގައ އެންމެ ކުޑަ ޑެފިސިޓު ބަޖެޓެވެ. އަންނަ އަހަރު އިގުތިސާދު ކުރިއަރާނެ ކަމަށް ލަފާކޮށްފައިވަނީ 6.4 އިންސައްތައިގައެވެ.
މިނިސްޓަރު ޒަމީރު ވިދާޅުވި ގޮތުގައި އަންނަ އަހަރަކީ ޕީއެސްއައިޕީ މަޝްރޫއުތަކަށް ދައުލަތުގެ ބަޖެޓުން އެންމެ ބޮޑު ހޭދައެއް ކުރާނެ އަހަރެވެ. އެގޮތުން ޕީއެސްއައިޕީ މަޝްރޫއުތަކަށް 12.4 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.
އަންނަ އަހަރުގެ ބަޖެޓުގައި ޚަރަދު ކުޑަކުރުމަށް ބޮޑު އިސްކަމެއް ދީފައިވާއިރު، ޚަރަދު ކުޑަކުރުމަށް އަޅާ ފިޔަވަޅުތަކާއެކު 6.6 ބިލިއަން ރުފިޔާ ކުޑަކުރެވޭނެ ކަމަށް މިނިސްޓަރު ޒަމީރު ވިދާޅުވިއެވެ.
ޚަރަދު ކުޑަކުރުމަށް އަޅާ ފިޔަވަޅުތަކުގެ ތެރޭގައި ސަބްސިޑީގެ ނިޒާމު ބަދަލުކޮށް، ސަބްސިޑީ ބޭނުންވާ ފަރާތްތަކަށް ސީދާ ގޮތެއްގައި ފޯރުކޮށްދޭ ނިޒާމަކަށް ބަދަލުކުރުމާއި، އާސަންދަ ނިޒާމު މުރާޖައާކޮށް، އެ ނިޒާމަކީ މިހާރަށްވުރެ ވަށާޖެހޭ ދެމެހެއްޓެނިވި ނިޒާމަކަށް ބަދަލުކުރުން ހިމެނެއެވެ.
މީގެއިތުރުން ދައުލަތުން ދޭ ޕެންޝަންތައް ތަކުރާރު ނުވާނެހެން އަދި އިސްރާފުނުވާނެހެން މުރާޖައާ ކުރުމާއި، އެސްއޯއީތައް ރިފޯމު ކުރުމާއި، ތެލުގެ އަގަށް އަންނަ ބަދަލުތަކުން ކުރިމަތިވާ ފިސްކަލް އަދި އެކްސްޓާނަލް ހިރާސްތައް ހެޖުކުރުން ހިމެނެއެވެ.
ބަޖެޓުގައި ވަނީ އާމްދަނީ އިތުރުކުރުމަށް ވެސް ގިނަ ފިޔަވަޅުތަކެއް އަޅަން ނިންމާފައެވެ. އެ ފިޔަވަޅުތަކާއެކު 4.9 ބިިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ.
އެ ފިޔަވަޅުތަކުގެ ތެރޭގައި ސިނގިރޭޓާއި ބިޑިން ނަގާ އިމްޕޯޓް ޑިއުޓީގެ ރޭޓު މަތިކުރުމާއި، އެއާޕޯޓުގެ ޓެކުހާއި ފީގެ ރޭޓުތައް މަތިކުރުމާއި، ގްރީން ޓެކުހުގެ ރޭޓުތައް މަތިކުރުން އަމިއްލަ ފަރާތްތަކުން ހިންގާ ބިން ހިއްކުމުގެ މަޝްރޫތަކަށް ނަގާ ވެލިން ޑްރެޖިން ފީއެއް ނެގުމާއި، ޓީޖީއެސްޓީ ރޭޓް މަތިކުރުމާއި، ޖީއެސްޓީ ނިޒާމުގައި ޑެސްޓނޭޝަން ޕްރިންސިޕަލް ފުރިހަމައަށް ތަންފީޒުކުރުން އަދި ފްރެކްއެންސީ ސްޕެކްޓްރަމް ޗާޖެއް ނެގުން ހިމެނެއެވެ.

