ގއ.ވިލިނގިލީގައި ޒަމާނީ ފެންވަރުގެ ޕާކެއް ތަރައްގީކުރަން ނިންމައި، އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ވިލިނގިލީ ކައުންސިލްގެ އިދާރާއިން މިއަދު އިއުލާނުކޮށްފިއެވެ.
ވިލިނގިލީ ކައުންސިލްގެ އިދާރާއިން ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރި އިއުލާނެއްގައި ބުނެފައިވަނީ އިދާރާއިން ދޭ މައުލޫމާތާއި ކުރެހުމާއި ބީއޯކިއު އާއި އެއްގޮތަށް ޕާކް ކޮންސެޕްޓްގެ ފޭސް އެކެއްގައި ހިމެނޭ މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ.
ބީލަން ހުށަހެޅުމަށް ރަޖިސްޓްރީވުމަށް ހުޅުވާލައިފައިވަނީ މިއަދުން ފެށިގެން ބުރާސްފަތި ދުވަހުން ފެށިގެން ނޮވެމްބަރު 12 ވަނަ ދުވަހުގެ 13:00 އަށެވެ.
މައުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ ނޮވެމްބަރު 13 ވަނަ ދުވަހުގެ 13:00 ގައެވެ. އަދި ބީލަން ހުށަހެޅުން އޮންނާނީ ނޮވެމްބަރު 21 ވަނަ ދުވަހުގެ 11:00 ގައި ވިލިނގިލީ ކައުންސިލް އިދާރާގެ މީޓިން ރޫމްގައެވެ.
ކައުންސިލުން ބުނީ ބީލަން ހުޅުވުން އޮންނާނީ ބީލަން ހުށަހަޅާ ފަރާތްތަކުގެ އެއްހާޒިރުގައި ކަމަށެވެ. އަދި ބީލަން ހުށަހެޅުމަށް ބަދަލުގައި އެހެންފަރާތެއް ފޮނުވާނަމަ، އެކަން އަންގައިދޭ ސިޓީއެއް ހުށަހަޅަންވާނެ ކަމަށް އެ ކައުންސިލުގެ އިއުލާނުގައި ބުނެފައިވެއެވެ.
މިކަމާއި ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށް އީމެއިލް ކުރާނަމަ، info@vilingili.gov.mv އަށް އީމެއިލް ކުރުމަށް ވަނީ އެދިފައެވެ. އަދި ފޯނުން ނަމަ 6822503 އަށް ގުޅުމަށް ވަނީ އެދިފައެވެ.
މި މަޝްރޫއުއާ ގުޅޭ ގޮތުން "ހުވަދޫ" އަށް މައުލޫމާތު ދެއްވަމުން ވިލިނގިލީ ރައީސް ވިޝާލް މުޙައްމަދު ވިދާޅުވީ އެ ރަށުގައި ތަރައްގީކުރަން ނިންމާފައިވާ ޕާކަކީ މުޅި ރާއްޖޭގައި ހެދޭ އެންމެ ރީތި، އެންމެ ޒަމާނީ ޕާކަށް ހެދުމަށް މަަސައްކަތް ކުރައްވާނެ ކަމަށެވެ.

ވިލިނގިލީގައި ހަދާ ޕާކުގެ ކުރެހުމެއް. މި ޕާކު ހަދާނީ ގިނަ ކޮމްޕޯނަންޓްސްތަކެއް ހިމަނައިގެން.
ހުރިހާ އުމުރެއްގެ މީހުންނަށް ބޭނުންކުރެވޭ ގޮތަށް ހަދާ މި ޕާކު ތަރައްގީ ކުރަނީ ވިލިނގިލީ ހޮސްޕިޓަލު ކުރިމަތީގައި އޮތް ހުސް ބިމެއްގައި ކަމަށް ވިލިނގިލީ ކައުންސިލުގެ ރައީސް ވިދާޅުވިއެވެ. އެ ސަރަހައްދުގައި ޕާކު ތަރައްގީކުރަން ނިންމީ ހޮސްޕިޓަލަށް ޒިޔާރަތްކުރާ އެހެން ރަށްރަށުގެ ރައްޔިތުންނަށް ވެސް ޕާކު ބޭނުންކުރެވޭ ގޮތް ހެދުމަށް ކަމަށް ވެސް ވިލިނގިލީ ރައީސް ވިދާޅުވިއެވެ.
ވިލިނގިލީ ރައީސް ވިދާޅުވި ގޮތުގައި މި ޕާކު ތަރައްގީ ކުރާނީ ވަރަށް ގިނަ ކޮމްޕޯނަންޓްތައް ހިމަނައިގެންނެވެ. މި ޕާކަކީ ރައްޔިތުންގެ ވަރަށް ބޮޑު އުންމީދެއްކަން ވެސް ވިޝާލް ފާހަގަކުރެއްވިއެވެ.
ގއ.އަތޮޅުގައި އޮތް އެންމެ ހިންގުންތެރި އެއް ކައުންސިލުގެ ރައީސް ވިދާޅުވި ގޮތުގައި ކައުންސިލުން އެ ރަށުގެ ތަރައްގީއަށް ކުރިއަށްގެންދާ ކޮންމެ މަޝްރޫއުއެއް ވެސް ކުރިއަށް ގެންދަނީ ރައްޔިތުންގެ ފުރިހަމަ ޚިޔާލާއި ބައިވެރިވުމާއި އެކީގައެވެ.
ވިލިނގިލީ ކައުންސިލުން ދާދިފަހުން ވަނީ އެ ރަށުގައި ފަތުރުވެރިކަން ތަރައްގީކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދުތަކުން 11 ބިން ޓޫރިސްޓް ހޮޓާ/ގެސްޓްހައުސް އަދި ފަތުރުވެރިކަމާ ގުޅުންހުރި ވިޔަފާރިތައް ތަރައްގީކޮށް ހިންގާނެ ފަރާތްތަކެއް ހޯދުމަށް ވެސް ބީލަމަށް ހުޅުވާލައިފައެވެ.

